ސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފި
9 ޖޫން 2026 - 19:36

ރެއާލް މެޑްރިޑްގެ ރައީސް ކަމަށް ހޮވުނު ޕެރޭޒް 150 މިލިޔަން ޔޫރޯ ދީފައި ގެންނަން ބޭނުންވި ކުޅުންތެރިޔަކީ އަލްވަރޭޒްކަން ކުލަބުން ރަސްމީކޮށް ހާމަކޮށްފިއެވެ. މިކަން ވަނީ ކުލަބުގެ އޮފިޝަލް ވެބްސައިޓްގައިވެސް ހާމަކޮށްފައެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ހޯދުމަށް ރެއާލް މެޑްރިޑުން ހުށަހެޅި 150 މިލިއަން ޔޫރޯ (130 މިލިއަން ޕައުންޑް) ގެ ބިޑް އެތުލެޓިކޯއިން ބޭރުކޮށްލައިފިއެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އޭނާ އަލުން އިންތިޚާބުވެއްޖެނަމަ "ގަލަކްޓިކޯ" ކުޅުންތެރިއަކަށް 150 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް މިދިޔަ ހަފްތާގައި ވައުދުވެވަޑައިގެންފައެވެ.

Ad by Hajj Corporation
އާދީއްތަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޕެރޭޒް ވަނީ އޭނާގެ ވައުދާ އެއްގޮތަށް އަލްވަރޭޒް ހޯދުމަށް ރަސްމީކޮށް ހުށަހަޅާފައެވެ. ނަމަވެސް އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ދޫކޮށްލުމަށް އެތުލެޓިކޯއިން އިންކާރު ކުރީ އޭނާގެ ރިލީޒް ކްލޯޒްގައިވާ 500 މިލިއަން ޔޫރޯ (430 މިލިއަން ޕައުންޑް) އަށް އިޝާރާތްކޮށްފައެވެ.
މިކަމާ ގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޑު މެމްބަރުންގެ ބައްދަލުވުމަކަށްފަހު އަލްވަރޭޒްގެ ފެޑެރޭޓިވް ރައިޓްސް ހޯދުމަށް އެތުލެޓިކޯއަށް 150 މިލިއަން ޔޫރޯ ހުށަހެޅި ކަމަށެވެ. ނަމަވެސް އެތުލެޓިކޯއިން އެ ހުށަހެޅުމަށް ޝުކުރު އަދާކުރުމަށްފަހު، ކުޅުންތެރިޔާގެ ރިލީޒް ކްލޯޒްގެ ވާހަކަ ދައްކައި އެ ބިޑް ރިޖެކްޓްކޮށްފައިވާ ކަމަށް ރެއާލްއިން ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑުން ވަނީ ސޯޝަލް މީޑިއާގައި ރެއާލްގެ ބަޔާނަށް ވަރަށް ބޮޑަށް މަލާމާތްކޮށްފައެވެ. އެގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ތިޔަ އުޅެނީ އަދަބުވެރިކަމާއި ޝުކުރުވެރިވުން އޮޅިގެން. އަހަރެމެން އެއްވެސް ކަމަކަށް ޝުކުރެއް ނުދަންނަވަން. އަލްވަރޭޒްއަށް ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަންނާނަން،" ކަމަށެވެ. އަދި ރެއާލްއިން އެތުލެޓިކޯގެ އެކަޑަމީން ކުޅުންތެރިން "ވަގަށް ނެގުން" ހުއްޓާލުމަށްވެސް އެ ކްލަބުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ބާސެލޯނާއިންވެސް މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް 100 މިލިޔަން ޔޫރޯ މިދިޔަ ހަފްތާގައި ބިޑްކޮށްފައިވެއެވެ.
މެންޗެސްޓަރ ސިޓީން 2024 ވަނަ އަހަރު 81.5 މިލިއަން ޕައުންޑަށް އެތުލެޓިކޯއާ ގުޅުނު އަލްވަރޭޒް ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު 49 މެޗުގައި 20 ގޯލު ކާމިޔާބުކޮށްފައެވެ. އޭނާއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑުން ވަނީ އެ ޓީމުގެ ކޯޗު އަލްވާރޯ އަރްބެލޯއާ ވަކިވާން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ގެންނަން ނިންމާފައިވަނީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯއެވެ. މޮރީނިއޯ އަލުން ގެނައުމަކީ ޕެރޭޒްގެ އިންތިޚާބީ މެނިފެސްޓޯގެ މުހިންމު ބައެކެވެ. ރެއާލްއިން ވަނީ އަރްބެލޯ ކްލަބަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.


