ވޯލްޑްކަޕާއި ދިމާކޮށް ފީފާއިން ފުޓްބޯޅައިގެ ޤަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް
4 ޖޫން 2026 - 18:28

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފީފާއިން ވަނީ މި މުބާރާތުގައި އަމަލުކުރާނެ އާ ގަވާއިދުތަކެއް ރަސްމީކޮށް އިއުލާނުކޮށްފައެވެ. މޭ 31، 2026 ގައި އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމި މި ބަދަލުތަކަކީ 2026-2027 ވަނަ އަހަރުގެ ސީޒަނުން ފެށިގެން އަމަލުކުރަން ފަށާނެ ބަދަލުތަކެކެވެ.
ފީފާގެ ޗީފް ރެފްރީ އޮފިސަރު ޕިއެރްލުއިޖީ ކޮލީނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "އައިއެފްއޭބީން ވަނީ ކުޅިވަރުގެ ގަވާއިދުތަކަށް ތާރީޚީ ބަދަލުތަކެއް ގެނައުމަށް ފާސްކޮށްފައި، އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މި ބަދަލުތައް ބޭނުންކުރާނެ ފުރަތަމަ ބޮޑު މުބާރާތް،" ކަމަށެވެ. މި ބަދަލުތަކުގެ މަގްސަދަކީ ތަފާތުކުރުންތައް ނައްތާލުމާއި، ވަގުތު ބޭކާރުކުރުން ހުއްޓުވުމާއި، މެޗުގެ ސްޕީޑް އަވަސްކޮށް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ތަޖުރިބާ ރަނގަޅުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
މުހިންމު އާ ގަވާއިދުތައް:
މި މުބާރާތުގައި އަލަށް އަމަލުކުރަން ފަށާނެ ބައެއް ގަވާއިދުތަކުގެ ތެރޭގައި ތްރޯ-އިން އަދި ގޯލް ކިކް ފޮނުވާލުމަށް 5 ސިކުންތުގެ ކައުންޓްޑައުނެއް ހިމެނެއެވެ. މީގެ އިތުރުން، ދެބަސްވުންތަކުގެ ތެރޭގައި އަނގަމަތީގައި އަތްއަޅައިގެން ވާހަކަދައްކާ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމާއި، އިހުތިޖާޖު ކުރުމުގެ ގޮތުން ދަނޑުން ފައިބައިގެންދާ ޓީމުތަކަށް އަދަބު ދިނުން ހިމެނެއެވެ.
އަނިޔާވާ ކުޅުންތެރިންނަށް ދަނޑުން ބޭރުގައި ފަރުވާ ދިނުމަށް މަދުވެގެން އެއް މިނެޓް ހޭދަކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ވީއޭއާރު (VAR) ބޭނުންކުރުމުގައިވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ކުޅުން ފެށުމުގެ ކުރިން ހިނގާ ފައުލްތަކާއި، ނުބައިކޮށް ދީފައިވާ ދެވަނަ ރީނދޫ ކާޑު ނުވަތަ ކޯނަރުތައް ބަދަލުކުރުމުގެ ބާރު ވީއޭއާރަށް ލިބިގެންވެއެވެ.
މީގެ އިތުރުން، ކޮންމެ ހާފެއްގެ މެދުތެރެއިން (22 ވަނަ މިނެޓުގައި) ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ގޯލްކީޕަރަށް ދަނޑުމަތީގައި ފަރުވާދޭ ވަގުތު، ދެ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ދަނޑުން ފޭބުން މަނާވާނެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އަދި ސައުތު އެފްރިކާއެވެ.


