މެސީ ލައިޓް މޮނާކޯއަށް ދާއިމީކޮށް ފޮނުވާލައިފި
6 ޖޫން 2026 - 09:47

މެސީ ލައިޓް ނުވަތަ މެސީގެ ރީޖެން އެއްކަމަށް ބާސެލޯނާގެ ގިނަ ސަޕޯޓަރުން ދައުވާކުރަމުންގެންދިޔަ އަންސޫ ފަޓީ ބާސާއިން ދޫކޮށް މޮނާކޯއަށް ދާއިމީ ކޮށްބަދަލުވާން އެއްބަސްވެއްޖެއެވެ.
ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ދާއިމީ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ އޭއެސް މޮނާކޯއަށް ބަދަލުވުމުގެ ހުރިހާ މަރުހަލާތަކެއް ނިންމާލައިފިއެވެ. މި ޓްރާންސްފާގެ ދަށުން ކަޓަލޫނިއާގެ ކްލަބަށް 11 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބާސެލޯނާގެ އެކަޑަމީން ތައާރަފްވެ، ދުނިޔޭގެ ސަމާލުކަން ހޯދި ފާޓީއަކީ ލިއޮނަލް މެސީ ކްލަބް ދޫކޮށް ދިއުމުން އޭނާގެ އައިކޮނިކް ނަންބަރު 10 ޖާޒީ ހަވާލުކުރި ކުޅުންތެރިޔާއެވެ. ނަމަވެސް، ކެރިއަރުގެ ކުރީކޮޅު ކުރިމަތިވި ކަކުލުގެ ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާގެ ކުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

Ad by Hajj Corporation
އަނިޔާއަށްފަހު އަލުން ފޯމަކަށް އެޅުމަށްޓަކައި ލޯނު އުސޫލުން އެހެން ކްލަބްތަކަށް ފޮނުވި ނަމަވެސް، ބާސެލޯނާއިން އުއްމީދުކުރި ފެންވަރަށް އޭނާގެ ކުޅުން ރަނގަޅު ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން، އޭނާ ދާއިމީކޮށް ވިއްކާލުމަކީ ދެފަރާތަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ކްލަބުން ވަނީ ނިންމާފައެވެ.
މޮނާކޯއަށް ބަދަލުވުމާއެކު، އުމުރުން 23 އަހަރުގެ ފާޓީއަށް މަދު ޕްރެޝަރެއްގެ ދަށުން އޭނާގެ ކެރިއަރު އަލުން ބިނާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޭމްޕް ނޯގައި އޭނާ ދެއްކި ތަފާތު މޮޅު ކުޅުން އަލުން ދެއްކުމަށް އަދިވެސް އޭނާއަށް ވަގުތު އެބައޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ބާސެލޯނާއަށް މި ޓްރާންސްފާގެ ސަބަބުން ލިބޭ 11 މިލިއަން ޔޫރޯއަކީ، ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މައްސަލައަކަށް ލިބުނު ސާފު ހައްލެއްގެ ގޮތުގައި ބެލެވެއެވެ.


