ހިތަދޫ ބައި އިލެކްޝަންގައި ޕީއެންސީން ނަތީޖާ ހޯދީ އެމްޑީޕީން މުޅި ދަޢުލަތް ލޫޓުވާލި ގޮތަށް ކަންކޮށްގެންނެއް ނޫން: ޝުޖާޢު
7 ޖޫން 2026 - 02:28

އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީން ހޯދި ނަތީޖާއަކީ އެމްޑީޕީގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވާލައިގެން ކަންކަން ކުރި ގޮތަށް ހޯދި ނަތީޖާއެއް ނޫން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އިއްޔެ ވިދާޅުވެއްޖެއެވެ.
ހިތަދޫ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ފެންނަ ކުރެހުމެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ޝުޖާޢު ވިދާޅުވީ، އިދިކޮޅު ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ސޯލިހު އެކުވެގެން ހޯއްދެވި ނަތީޖާއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަނި ހޯއްދެވި ނަތީޖާގެ ތަފާތަކީ އެންމެ 62 ވޯޓު ކަމަށެވެ.

Ad by Hajj Corporation
ޝުޖާޢު ވިދާޅުވި ގޮތުގައި މި ނަތީޖާ ޕީއެންސީން ހޯދީ ކުރީގެ އެމްޑީޕީ ސަރުކާރުން ކޮމަންޑޫ އާއި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންތަކުގައި މުޅި ދައުލަތް އޮއްސާލި ގޮތަކަށް ނޫނެވެ. އަދި އާސަންދަ އާއި އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ރަށަށް އަރައި، ވަޒީފާތަކާއި ޕްރޮމޯޝަންތައް ބަހައިގެން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިނަތީޖާއިން ތިޔަ 3 ރައީސުންނަށް މޮޅުތަކެއް ނުލިބޭ. ތިބޭފުޅުންނަށްވެސް ލިބޭނީ ނަތީޖާއިން ޝޮކެއް،" ޝުޖާޢު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ގޭގައި ކޯލް ސެންޓަރު ހައްދަވައިގެން ރައްޔިތުންނަށް ގުޅުއްވަން އިންނެވިއިރު، ރައީސް ނަޝީދާއި ރައީސް ސޯލިހު ހިތަދޫގައި ދޮރުން ދޮރަށް ހިންގެވި ކަމަށެވެ.
ނަމަވެސް، ރައީސް ޑރ. މުޢިއްޒު އެ ވަގުތު ހޭދަކުރެއްވީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި، ކުރީގެ ތިން ރައީސުން ނެންގެވި ލޯނުތައް ދައްކަވައި، ޤައުމުގެ ރޭޓިންގ ރަނގަޅުކުރުމުގެ މަސައްކަތްޕުޅުގައި ކަމަށް ޝުޖާޢު ވިދާޅުވިއެވެ. މި ނަތީޖާއަކީ ސަރުކާރުން ނުފޫޒު ފޯރުވުމެއް ނެތި ހޯދި ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.


