ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ހަގީގަތުގައިވެސް ޕީއެންސީ އަށް ލިބުނީ ވަރަށް ބޮޑު ތާރީޚީ ކާމިޔާބީއެއް: އިއްބެ
7 ޖޫން 2026 - 15:08

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގ ތަމްސީލްކުރާ ރައްޔިތުން މަޖިލީހުގެ މެމްބަރު ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނަކީ ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ވަރަށް ބޮޑު ތާރީޚީ ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.
އިއްބެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއަކީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފުލް ގިއަރުގައި، ބާރު ދުވެލީގައި ދަތުރުކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

Ad by Hajj Corporation
އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން އިއްބެ ވިދާޅުވީ، ކުރީގެ ތިން ރައީސުން ކޯލިޝަން ހަދައިގެން ނުކުމެ، މުޅި އައްޑޫގެ ހުރިހާ ބާރަކާއެކު މަސައްކަތް ކޮށްގެންވެސް އެ ބޭފުޅުންނަށް ލިބުނު ވޯޓަށްވުރެ، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކޮށް އެ ދާއިރާއިން ލިބުނު ވޯޓުގެ އަދަދު ގިނަ ކަމަށެވެ.
"އެންމެ 62 ވޯޓުގެ ތަފާތަކުން ބަލިވި ކަމަށް ފެނުނަސް، މިއީ އެންމެ ރައީސަކާއި އެމަނިކުފާނުގެ ތަސައްވުރަށް ރައްޔިތުން ކުރި އިތުބާރު ރަމްޒުކޮށްދޭ ވަރަށް ބޮޑު ކާމިޔާބީއެއް،" އިއްބެ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ މުޅި ލީޑަރޝިޕް އަމަލީގޮތުން މި ކެމްޕޭނުގައި ޝާމިލްނުވެ އޮތްއިރުވެސް، މިފަދަ ނަތީޖާއެއް ހޯދުމަކީ ޕީއެންސީގެ ސަފުތައް އޮތް ވަރުގަދަކަން ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ އެ ޕާޓީގެ އާންމު މެމްބަރުންނާއި ސަޕޯޓަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިއްބެ ވަނީ ޕާޓީގެ މެމްބަރުންނަށް މުހިންމު އިލްތިމާސެއްވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއަދު އަޒުމް ކަނޑައަޅަންވީ ނުގުޑާ ފަދަ ވަރުގަދަ ރޫހެއްގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މިހާރުން މިހާރަށް ގަދައަޅާ މަސައްކަތް ފެށުމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަކީ ފޯރިގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ އިންތިޚާބެކެވެ. މި އިންތިޚާބުގެ ނަތީޖާއާއެކު ސިޔާސީ މަޝްރަހުގައި އެކި ފަރާތްތަކުން އަންނަނީ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ.


