ކޮސްމެޓިކް ސާޖަރީއަކަށްފަހު އާޓް އިންފްލުއެންސާ ހިލްޑޭ ލިން ބްރެޒިލްގެ ހޮޓަލެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
7 ޖޫން 2026 - 16:26

އިންޓަނެޓްގައި "ޖެރީ ގޮގޯސިއަން" ގެ ނަމުން މަޝްހޫރުވެފައިވާ އާޓް އިންފްލުއެންސާ ހިލްޑޭ ލިން ހެލްފެންސްޓައިން، ބްރެޒިލްގައި ކޮސްމެޓިކް ސާޖަރީއެއް ހެދުމަށްފަހު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އޭނާ މަރުވިއިރު އުމުރަކީ 40 އަހަރެވެ.

Ad by Hajj Corporation
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެލްފެންސްޓައިން މަރުވެފައި އޮއްވާ ފެނުނީ އޭނާ ސާޖަރީއަށްފަހު ރިކަވަރީގައި ހުރި ރޯޒްވުޑް ސައޮ ޕައުލޯ ހޮޓަލުގެ ކޮޓަރި ތެރެއިންނެވެ. އޭނާ ފޯނަށް ޖަވާބު ނުދޭތީ ބެލިއިރު، ހަށިގަނޑު ފެނުނީ އޭނާގެ ޕްލާސްޓިކް ސާޖަން އަށެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ހަށިގަނޑު ކައިރިން ހުސްކޮށްފައި ހުރި ވޮޑްކާ ފުޅިއަކާއި، ތެޅިފައިވާ ބިއްލޫރިތަކެއްގެ އިތުރުން ކޮން އެއްޗެއްކަން ނޭނގޭ ބޭސްތަކެއް ފެނިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ރޯޒްވުޑް ސައޮ ޕައުލޯ ހޮޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭ މަހުގެ 31 ވީ އާދީއްތަ ދުވަހުގެ މެންދުރުފަހު ހިލްޑޭ އެން ލިން މަރުވެފައި އޮއްވާ ފެނިފައިވާކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށްވެސް ހޮޓަލުން ބުނެފައިވެއެވެ.
ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވެފައިވޭ
ހެލްފެންސްޓައިންގެ ސާޖަން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، މީގެ ކުރިންވެސް އޯވަޑޯޒް ވުމުގެ ސަބަބުން އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އަދި ބްރެޒިލްގައި ހޭދަކުރި ތިން ހަފުތާގެ ތެރޭގައި އޭނާ އެކި ބާވަތުގެ ތަކެތި ބޭނުންކުރަމުން ދިޔަ ކަމަށް ސާޖަން ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، މަރުވުމުގެ ކުރީ ރޭ ހޮޓަލުގެ ތެރޭގައި އޭނާގެ ފަރާތުން ނޭދެވޭ އަމަލުތަކެއް ފެނިގެން ޝަކުވާ ހުށަހެޅިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
"ގޮސިޕް ގާލް އޮފް އާޓް" ގެ ނަމުން މަޝްހޫރު ހެލްފެންސްޓައިން އަކީ އާޓް ދާއިރާގެ ނުފޫޒުގަދަ މީހުންނަށް ފާޑުކިޔައި ވީޑިއޯ ހަދައިގެން އިންސްޓަގްރާމްގައި 156،000 އަށްވުރެ ގިނަ ފޮލޯވަރުން ހޯދާފައިވާ މީހެކެވެ. އޭނާ މަރުވުމުގެ ކުރިން އާންމުކުރި އެންމެ ފަހު ވީޑިއޯގައި އޭނާ ވާހަކަދެއްކި ގޮތުން ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ.
ކުރިން ނިއުޔޯކާއި ލޮސް އެންޖެލެސްގެ އާޓް ގެލެރީތަކުގައި މަސައްކަތްކުރި ހެލްފެންސްޓައިން ބުނެފައިވަނީ، އޭނާގެ ސޯޝަލް މީޑިއާ ޕޭޖް ފެށީ އާޓްގެ ދުނިޔޭގައި ފައިސާއާއި މަގާމަށް ދޭ ސަމާލުކަން ބޮޑުވުމުން އެކަމާ މެދު ފޫހިވެގެން ކަމަށެވެ. ފުލުހުން މިހާރު ދަނީ އޭނާގެ މަރުގެ މައްސަލަ ޝައްކުކުރެވޭ މަރެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.


