މާލީ ވަޒީރުކަމުން އިސްތިއުފާދެއްވިޔަސް، މިއަދުވެސް މިހުރީ ރައީސް މުޢިއްޒާއެކު ޚިދުމަތުގައި: މޫސާ ޒަމީރު
9 ޖޫން 2026 - 18:26

މާލީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ޚިދުމަތްކުރުމުގައި ދެމިހުންނެވި ކަމަށް ކުރީގެ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ޒަމީރު ވިދާޅުވީ، ސިޔާސީ މަސްރަޙުގައި ޕާޓީތަކުގެ ނަންތައް ބަދަލުވި ނަމަވެސް، ރާއްޖޭގައި އޮތީ މައިގަނޑު ދެ ފިކުރެއް ކަމަށާއި، އޭނާ އަބަދުވެސް ތަމްސީލުކުރައްވާނީ ގައުމީ ވަތަނީ ފިކުރު ކަމަށެވެ.

Ad by Hajj Corporation
"އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ރައީސް ޑރ. މުޢިއްޒު މިއަދު އިސްވެ ހުންނަވައި ކުރިއަށްގެންދަވާ ގައުމީ މަސައްކަތުގައި. މަގާމެއްގައި ހުއްޓަސް ނެތަސް، މި ފިކުރު ދޫކޮށްލުމެއް ނެތް،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރުގެ ވާހަކައިގައި ސިޔާސީ ކަންކަމާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިވަޑައިގަތް ސަބަބުވެސް ހާމަކުރެއްވިއެވެ. އެއީ ޕާޓީގެ ތެރެއިން އައު ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވަމުން ޒަމީރު ވިދާޅުވީ، މީގެ ކުރީގެ ވެރިން ގެންގުޅުއްވީ އެހެން ގައުމުތަކަށް އިސްކަންދޭ ސިޔާސަތުތަކެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެއަށް އެންމެ އިސްކަންދޭ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ޕީއެންސީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާއްމު މެންބަރުން ބައިވެރިވެފައިވެއެވެ. ޒަމީރުގެ މި ވާހަކަފުޅާއެކު، އޭނާ ސަރުކާރާ ދުރަށް ވަޑައިގަތް ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ ނިމުމެއް އައިސްފައެވެ.


