ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓުއަރިޒަމްގެ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ
03 ޑިސެމްބަރު 2024 - 07:36
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓުއަރިޒަމްގެ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަންޑު ލިބުނީމާ އެފަންޑެއް މެނޭޖްކޮށް އެކުންފުންޏެއްގެ ދާއިރާއަށް ފަންޑް ކުރުން މުހިންމު ކަމަށެވެ. މިސާލެއްގެ ގޮތުން މިނިސްތަރު ނެންގެވީ ހައްޖު ކޯޕަރޭޝަނެވެ. ޒަމީރު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ފަދަ ކުންފުނިތައް ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އޭގެ ޒާތުގައި އެހާ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ.
ޒަމީރު ވިދާޅުވީ ކުންފުނީގެ ފަންޑް އެކުންފުންޏަކުން ކުރާ މަސައްކަތަކަށް ހަރަދުކުރުން މާރަނގަޅުވާނެ ކަަމަށެވެ. އަދި އެކްސެސް ފަންޑް ހުރި ނަމަ އެކަމުގެ ތަޖުރިބާ ކާރުންނާ ހަވާލުކޮށްގެން ފަންޑް މެނޭޖް ކޮށްގެން އޭގެ ފައިދާ ކުންފުންނަށް ހޯދައިފި ކަމަށްވާނަމަ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގައި ޓުއަރިޒަމަށް އިންވެސްޓް ކުރާނެ ކުންފުނިތައް ސަރުކާރުގައި އެބަހުރި ކަމަށާ އެޗްޑީސީ އާއި ހައްޖުކޯޕަރޭޝަން އަދި ފެނަކަ ކަހަލަ ކުންފުނިތަކުން ޓުއަރިޒަމްގެ ވިޔަފާރިއަށް ވަނުމުން އޭގެ އެންމެ އެދެވޭ ނަތީޖާ ނުނިކުންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އަސްލުގަ މިކުންފުނިތަކަކީ މިސާލަކަށް ހައްޖުކޯޕަރޭޝަނަށް ބަލައިފިއްޔާ ފަންޑެއް ލިބުނީމަ އެފަންޑެއް މެނޭޖްކުރަން އެމީހުންނާ މި ހަވާލުވަނީ ފަންޑް ނަގައިގެން މީހުން ހައްޖަށް ފޮނުވަން އެހެންވީމަ އަޅުގަނޑަށް ހީވަނީ ގެސްޓްހައުސް ހިންގަން ހައްޖުކޯޕަރޭޝަނުން މަސައްކަތް ކުރުން އޭގެ ޒާތުގަ އެއީ އެންމެ ފައިދާ ހުރި ގޮތްތޯ އަޅުގަނޑުމެން ކުންފުނީގެ ބޯޑުންނާ ކުންފުނީގެ ހިއްސާ ދާރުން އެބަޖެހޭ ވިސްނާލަން އެއީ އާންމު ގޮތެއްގަ އެކްސެސް ފަންޑް ހުރެއްޖެ ކަމަށްވެއްޖިއްޔާ އެކަމުގެ ތަޖުރިބާ ކާރުންނާ ހަވާލުކޮށްގެން ފަންޑް މެނޭޖް ކޮށްގެން އޭގެ ފައިދާ ކުންފުންނަށް ހޯދައިފި ކަމަށްވެއްޖިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ.
ޒަމީރު މިހެން ވިދާޅުވިއިރު، ލޯކަލް ޓޫރިޒަމް ހިންގާ ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް "ހަލާލް ޓޫރިޒަމް" އަށް އިންވެސްޓު ކުރަން ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ލަގްޒަރީ އެޕާޓުމެންޓު ބިލްޑިން އެޅުމުގެ މަސައްކަތްވެސް ހައްޖުކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
ހައްޖުކޯޕަރޭޝަނުން މިކަން ހާމަ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު، ހެޔޮ އަގުގައި ރައްޔިތުން ހައްޖަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެ ކޯޕަރޭޝަނުގެ ސީއީއޯ މުހައްމަދު ޝަކީލު އެވެ.
މިއީ ހައްޖު ކޯޕަރޭޝަނުން ކުރާ ހަރަދުތައް ކުޑަކޮށް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ނިންމަފައިވާ ނިންމެވުމެއް ކަމަށްވެސް އޭނާ އެދުވަހު ވިދާޅުވި އެވެ.