ޝަމްއާން ކުރަނީ ދޮގު ތުހުމަތުތަކެއް، ހަގީގަތް ސާފުކޮށްދޭން ފުލުހުން ގާތުގައި އެދެފިން: މިނިސްޓަރު އިހުސާން
10 ޖޫން 2026 - 07:20

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދޮގުކުރައްވައިފިއެވެ.
ޝަމްއާން ވަހީދުގެ މައްޗަށް ކޮރަޕްޝަނާއި ފޭރުމުގެ ކުށް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވާއިރު، ހުކުމް އިއްވުމުގެ ކުރިން ޝަމްއާން، ހޯމް މިނިސްޓަރު ޢަލީ އިހުސާނާއި ބަންޑާރަ ނައިބު އަޙުމަދު އުޝާމްގެ މައްޗަށް ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިހުސާން ވަނީ އެކަންކަން ދޮގުކުރައްވައި ރައްދު ދެއްވާފައެވެ.

Ad by Hajj Corporation
މި މައްސަލާގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެފައިވާއިރު، އޭނާގެ މައްޗަށް އިއްވި ޖުމްލަ 25 އަހަރުގެ ޖަލު ހުކުމް ބެހިގެންވަނީ ތިން ބަޔަކަށެވެ. އެގޮތުން ފޭރުމުގެ ކުށުގެ ދައުވާގައި އަށް އަހަރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށަށް ދެ އަހަރު، އަދި މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ފަސް ލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، ފޭރުނު ކަމަށް ބުނާ ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޝަމްއާން ކުރެއްވި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން އެ ކުރައްވަނީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. "ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޝަމްއާން "ފްރޭމް" ކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާން އެބައޮތެވެ. އަދި މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ، މައްސަލަ ހިނގާފައިވާ ގޮތް ތަފްސީލުކޮށް އާންމުކުރުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނޭ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.


