ބްރެޑް ޕިޓްގެ ނަން އުނިކުރުމަށް ތިންވަނަ ދަރިފުޅު ކޯޓަށް މައްސަލަ ހުށަހަޅައިފި
10 ޖޫން 2026 - 17:08

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ދަރިފުޅު ޒަހާރާ ޖޯލީ-ޕިޓް، އޭނާގެ ނަމުން ބައްޕަގެ ނަން އުނިކުރުމަށް ގާނޫނީ ގޮތުން ރަސްމީކޮށް ހުށަހަޅައިފިއެވެ. ޕޭޖް ސިކްސް އިން ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، 21 އަހަރުގެ ޒަހާރާ އެދިފައިވަނީ އޭނާގެ ފުރިހަމަ ނަން "ޒަހާރާ ޖޯލީ" އަށް ބަދަލުކުރުމަށެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކޯޓު އަޑުއެހުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ޒަހާރާގެ ބައްޕަގެ ނަން ބޭނުންކުރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރު އެޓްލާންޓާގެ ސްޕެލްމަން ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައިވެސް އޭނާ ތައާރަފްވެފައިވަނީ "ޒަހާރާ މާލީ ޖޯލީ" ގެ ނަމުގައެވެ.

Ad by Hajj Corporation
އާއިލީ ގުޅުންތަކަށް އައި ބޮޑު ބަދަލު
ޒަހާރާގެ ކުރިން، މި ދެމަފިރިންގެ އެހެން ބައެއް ކުދިންވެސް ވަނީ ޕިޓްގެ ނަން ބޭނުންކުރުން ހުއްޓާލާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ މެއި މަހު 18 އަހަރު ފުރުމާއެކު ޝައިލޯ ވަނީ ގާނޫނީ ގޮތުން ނަން ބަދަލުކުރަން ހުށަހަޅާފައެވެ. އަދި 2026 ވަނަ އަހަރު މެޑޮކްސް ޖޯލީ-ޕިޓް ވަނީ އޭނާގެ ނަން "މެޑޮކްސް ޗިވަން ޖޯލީ" އަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ވިވިއަން ޖޯލީވެސް ވަނީ ބްރޯޑްވޭ ޕްލޭއެއްގައި މަސައްކަތްކުރިއިރު ޕިޓްގެ ނަން ބޭނުންކުރުމުން ދުރުހެލިވެފައެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ޢާއިލާ
ދިގުލީ ގާނޫނީ ހަނގުރާމައާއި ހިތާމަވެރި ނިމުން
ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ކައިވެނި ރަސްމީކޮށް ނިމުމަކަށް އައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. 2016 ވަނަ އަހަރު ވަރިވާން ހުށަހެޅުމަށްފަހު، މި ދެމަފިރިންގެ މެދުގައި ކުދިންގެ ބެލެނިވެރިކަމާ މެދު ބޮޑެތި ދެބަސްވުންތަކެއް ހިނގާފައިވެއެވެ. ޕިޓާ ގާތް ފަރާތަކުން ބުނި ގޮތުގައި، މި ދިގުލީ ގާނޫނީ ހަނގުރާމައިގެ ސަބަބުން ޕިޓާއި އޭނާގެ ކުދިންނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕިޓް ވަނީ އޭނާގެ ކައިވެނި ރޫޅުމުގައި އަމިއްލަ އިހުމާލުތަކެއް ހުރިކަމަށް އެއްބަސްވެފައެވެ. "ވަރިވުމުގެ މައްސަލައަކީ އޭނާގެ ދިރިއުޅުން އެތައް އަހަރެއް ވަންދެން ކޮންޓްރޯލް ކުރި ކަމެއް،" މަސްދަރަކުން ޔޫއެސް ވީކްލީއަށް ކިޔައިދީފައިވެއެވެ. ޕިޓް މިހާރު އުމުރުން 62 އަހަރުގައި އުޅެނީ އިނެސް ޑި ރާމަންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.


