logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަރުވާ ހޯދުމަށް ތިން ފަހަރަށް ހޮސްޕިޓަލަށް ދިޔުމުން ވެސް ފޮނުވާލި ޒުވާނާ މަރުވީ މަންމަގެ އަތްމަތީގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖޫން 2026 - 18:31
ލިބީ އިންސްޓޯން
ލިބީ އިންސްޓޯން

އިނގިރޭސިވިލާތުގައި ފަރުވާ ހޯދުމަށް ތިން ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ދިޔުމުން ގެއަށް ފޮނުވާލައި، 20 އަހަރުގެ އަންހެން ކުއްޖަކު މަރުވީ އޭނާގެ މަންމަގެ އަތްމަތީގައެވެ. ގާނޫނީ ދާއިރާއިން ކިޔަވަމުން އައި މި ޒުވާނާ ފަރުވާ ހޯދަން ދިޔުމުން ސިއްހީ އެހީތެރިން ސިފަކުރީ އޭނާ ދަނީ ވަގުތު ބޭކާރު ކުރަންކަމަށެވެ.

އާއިލާއިން ސިފަކުރާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރި ލިބީ އިންސްޓޯން މަރުވީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހު، 24 ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އަވަސް ފަރުވާދޭ މަރުކަޒަކަށް ދެއްކުމަށްފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒުވާނާގެ މަރުގެ ތަހްގީގް ނިންމައި ރިޕޯޓް މި މަހުގެ އެއްވަނަ ދުވަހު އާންމުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ކުރިއަށްދިޔަ ތަހުގީގަށްފަހު، ޓީސައިޑް ކޮރޯނާ ކްލެއާ ބެއިލީ ނިންމެވީ ލިބީ އަށް ފަރުވާ ދިނުމުގައި "ބޮޑެތި އިހުމާލުތަކެއް" ވެފައިވާ ކަމަށާއި، ފުރާނަ ސަލާމަތްކުރެވޭނެ ފަދަ ފަރުވާ ދިނުމަށް ލިބުނު އެތައް ފުރުސަތެއް ބޭކާރުވެފައިވާ ކަމަށެވެ.

މި ހުރިހާ ކަމެއް ފެށުނީ ލިބީ އޭނާގެ ލޯބިވެރިޔާއާއެކު ލަންޑަނަށް ކުރި ދަތުރަކަށްފަހު އެނބުރި އައި ފަހުންނެވެ. 16 އޯގަސްޓް 2023 ގައި އޭނާގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސައި، ހޮޑުލާން ފެށިއެވެ. ދެ ދުވަސް ފަހުން ހާލަތު ގޯސްވުމުން، އޭނާގެ މަންމަ ސޫޒަން އިންސްޓޯން އެން.އެޗް.އެސް 111 އަށް ގުޅުމަށްފަހު، ނޯތު ޓީސް ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ މަރުކަޒަށް ލިބީ ގެންދިޔައެވެ.

ތަހުގީގުގައި ވާހަކަދައްކަމުން ސޫޒަން ބުނީ ފުރަތަމަ ދެއްކި ފަހަރު ލިބީ ބަލައި ފާސްކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، ހޮޑު މަނާކުރާ ބޭހެއް ދިނުމަށްފަހު އޭނާ ގެއަށް ފޮނުވާލީއެވެ.

ބަލީގެ އަލާމާތްތައް ފިލައިގެން ނުދިއުމުން، އާއިލާއިން އަލުން އޭނާ އެ މަރުކަޒަށް ގެންދިޔައެވެ. ޑޮކްޓަރަކު ލިބީ ބެލުމަށްފަހު، އެއީ ގޭސްޓްރޯއެންޓްރައިޓިސް ކަމަށް ނިންމައި، އައިވީއެއް ގުޅުމަށްފަހު އަނެއްކާވެސް ދޫކޮށްލިއެވެ. ސޫޒަން ބުނި ގޮތުގައި، ހޮސްޕިޓަލުގެ ޕާކިން ލޮޓުގައި ހުއްޓާ ލިބީ "ކަޅު ކުލައިގެ ދިޔާ އެއްޗެހިތަކެއް" ހޮޑަށް ލެވިއެވެ.

އޭގެ އިރުކޮޅެއް ފަހުން، ލިބީ "މުޅިން ވަރުބަލިވެ، ވަރަށް ބޮޑަށް ބަލިކަށިވުމުން" ތިންވަނަ ފަހަރަށް އަވަސް ފަރުވާދޭ މަރުކަޒަށް ގެންދެވުނެވެ. އެ ފަހަރު މުވައްޒަފުން ނިންމީ އޭނާ އިމަޖެންސީ ޑިޕާޓްމަންޓަށް ބަދަލުކުރުމަށެވެ.

ތަހުގީގަށް އެނގުނު ގޮތުގައި، ޑޮކްޓަރަކަށް ދެއްކުމުގެ ކުރިން ލިބީ ގާތްގަނޑަކަށް ނުވަ ގަޑިއިރު މަޑުކުރަން ޖެހުނެވެ. އެ ވަގުތުގެ ތެރޭގައި އޭނާއަށް އައިވީ ފްލުއިޑާއި، ތަދުކަނޑުވާ ބޭހާއި، ހޮޑު މަނާކުރާ ބޭސް ދިނުމަށްފަހު، އެންމެ ފަހުން ހޮސްޕިޓަލުގެ ވޯޑެއްގައި އެޑްމިޓްކުރެވުނެވެ.

ލިބީ ފަހުން ދޫކޮށްލި ނަމަވެސް، އޭނާގެ ހާލަތަކަށް ބަދަލެއް ނައެވެ. އޭނާގެ މައިންބަފައިން ބުނި ގޮތުގައި ގެއަށް އައިސް އޭނާ އެނދަށް ލާން ޖެހުނީ އުފުލައިގެން ގެންގޮސްގެންނެވެ.

"އޭނާ ބުނި އޭނާ ބިރުގަނެއޭ، އަދި އޭނާ މަރުވަނީތޯ އެހި،" ލެޑްބައިބަލްގައި ރިޕޯޓްކޮށްފައިވާ ގޮތުން ސޫޒަން ތަހުގީގުގައި ކިޔައިދިނެވެ. "އަހަރެން ހީލާފައި ބުނިން މޮޔަ ނުވާށޭ."

އޭގެ ކުޑަ އިރުކޮޅެއް ފަހުން ލިބީ ހޭނެތިގެން ވެއްޓުނެވެ. އަވަސްއަވަހަށް އޭނާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

"އެތަނުގެ އަންހެން މުވައްޒަފަކު އަހަރެންގެ ގާތަށް އައިސް ބުނީ، އެމީހުންނަށް ހީވީ އޭނާއަކީ ހަމައެކަނި ވަގުތު ބޭކާރުކުރާ މީހެއް ކަމަށޭ،" ސޫޒަން ބުންޏެވެ.

"އެއީ ނަރުހެއް. އަހަރެމެންނަށް ލިބީ ގެއްލިގެން އެދިޔައީ، އަދި ވާނުވާއެއްވެސް އަހަންނަކަށް ނޭނގޭ."

އޭނާގެ ދަރިފުޅުގެ ފަހު ދުވަސްތަކާ ބެހޭގޮތުން ވާހަކަދައްކަމުން ސޫޒަން ބުންޏެވެ: "މަގޭ ދަރިފުޅުގެ ފަހު ދުވަސްކޮޅަކީ ބިރުވެރި ދުވަސްކޮޅެއް.

"ލިބީ ހުރީ މެދުނުކެނޑި ތަހައްމަލުކުރަން ޖެހުނު ވޭނެއްގައި، އޭނާ ހުރީ ބިރުގަނެފައި. އަހަރެމެން ހޮސްޕިޓަލަށް ދިޔައީ އެމީހުން އޭނާ ބަލާނެ ކަމަށް އިތުބާރުކޮށްގެން، އެކަމަކު އޭނާ ބަލަން ތިބި ޑޮކްޓަރުން ލިބީއަށް އިހުމާލުވީ.

"ލިބީއާ މެދު ކަންތައް ކުރީ އުނދަގުލަކަށް ވެގެން އުޅޭ، ވަގުތު ބޭކާރުކުރާ މީހެއްގެ ގޮތުގައި. އަދި އެއްވެސް ކަހަލަ ހަމްދަރުދީއެއް ނުދައްކާ."

ލިބީގެ ލޯބިވެރިޔާ ތިއޯ ކޯބެޓް ވެސް ވަނީ ލިބީއަށް ލިބުނު ފަރުވާއަށް ފާޑުކިޔާފައެވެ.

"އަހަރެމެން ދިޔައީ އަހަރެމެންގެ ކަންބޮޑުވުންތައް ފާޅުކުރަމުން، އަދި ލިބީގެ ސިއްހަތާ މެދު އަހަރެމެން ކަންބޮޑުވާ މިންވަރު ބުނެދީ، އެކަމަށް ބާރުއަޅަމުން،" ގުޑް މޯނިން ބްރިޓަންގައި ވާހަކަދައްކަމުން އޭނާ ބުންޏެވެ.“ނަމަވެސް އަޅުގަނޑުމެން ކިތަންމެ ވަރަކަށް ބާރުއެޅި ނަމަވެސް، އަދި ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމުގެ އިހުސާސް ކުރެވުނެވެ.”

ތިއޯ، ލިބީ ސިފަކުރީ “ރީތި، މަޖާ އަދި ނުހަނު ބުއްދިވެރި” ކުއްޖެއްގެ ގޮތުގައެވެ. އަދި އޭނާ އިންކުއެސްޓްގައި ބުނީ: “ހޮސްޕިޓަލަށް ދިޔަ ކޮންމެ ފަހަރަކުވެސް، ލިބީގެ ތަދާއި ބައްޔާ މެދު އިންސާނިއްޔަތުކަމާއި، ހަމްދަރުދީ އަދި ބަލައިގަތުން އިންތިހާއަށް ކުޑަކަން ފާހަގަކުރެވުނެވެ.”

އޭނާ މަރުވީ ކުޑަގޮހޮރުގެ ބައެއް މަރުވުމުގެ (infarction) ސަބަބުންނެވެ.

އަޑުއެހުމުގައި ހުށަހެޅި މެޑިކަލް ހެކިތަކުން އެނގޭ ގޮތުގައި ލިބީ މަރުވީ އޭނާގެ ކުޑަގޮހޮރުގެ ބައެއް މަރުވެ، ހިތް ހުއްޓުމުގެ ސަބަބުންނެވެ.

“ލިބީގެ މައްސަލައިގައި، ހަތަރު ދުވަސް ވަންދެން ހޮޑުލުމާއި ބަނޑުގައި ގަދަޔަށް ރިއްސުން ތަހައްމަލު ކުރަމުން ދިޔައިރުވެސް، ގޭސްޓްރޯއެންޓްރައިޓިސް (ބަނޑުގެ ރޯގާ) ފިޔަވައި އެހެން ކަމަކަށް ނުބެލުމަކީ އޭނާއަށް ދިން ފަރުވާގައި ހެދިފައިވާ ބޮޑު ގޯހެކެވެ.” ކޮރޯނާ ކްލެއާ ބެއިލީ އޭނާގެ ނިންމުންތައް އިއްވަމުން ވިދާޅުވެފަވެއެވެ.

“އޭނާގެ ބަނޑުގެ ރިހުމާއި ހޮޑުލުން ހުއްޓުމެއް ނެތި ކުރިއަށްދިޔަ ސަބަބު ދެނެގަތުމަށާއި، ފުރާނަ ސަލާމަތްކޮށްދޭނެ ފަރުވާ ދިނުމަށް ލިބުނު ފުރުސަތުތައް ވަނީ ގެއްލުވާލާފައެވެ. ލިބީގެ މަރުގައި އިހުމާލުވުން ހިމެނެއެވެ.”

ބެއިލީ ފާހަގަކުރެއްވި ގޮތުގައި، އިހުމާލުވުމުގެ ނިންމުން ނިންމަނީ އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް އަސާސީ ސިއްހީ ފަރުވާ ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ހާލަތްތަކުގައެވެ. އަދި އިންކުއެސްޓްތަކުގެ ބޭނުމަކީ ބަލިމީހާގެ ފަރުވާގެ ހުރިހާ ކަމެއް ކުދިކޮށް ބެލުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޯތު ޓީސް އެންޑް ހާޓްލީޕޫލް އަދި ސައުތު ޓީސް ހޮސްޕިޓަލްސް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ގްރޫޕް ޗީފް މެޑިކަލް އޮފިސަރު ޑރ. މައިކަލް ސްޓެވަޓް ވަނީ އަޑުއެހުމުގެ ތެރޭގައި މާފަށް އެދިވަޑައިގެންފައެވެ.

ކޮރޯނާ ފާހަގަކުރެއްވި ގޮތުގައި އެ ޓްރަސްޓްގެ އުސޫލުތައް މިހާރު ވަނީ ރަނގަޅުކޮށްފައެވެ.

ނޯތު ޓީސް އެންޑް ހާޓްލީޕޫލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ: “އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުއްޓާ ލިބީ އިންސްޓޯން މަރުވުމުން އެކަމާ ނުހަނު ހިތާމަކުރަމެވެ.”

“މި ދަތި ވަގުތުގައި އޭނާގެ އާއިލާއަށާއި، ރައްޓެހިންނަށާއި ލޯބިވާ މީހުންނަށް އަޅުގަނޑުމެންގެ އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރަމެވެ. މިއަދުގެ އިންކުއެސްޓްގެ ނިންމުންތައް އަޅުގަނޑުމެން ގަބޫލުކުރަމެވެ. އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭއިރު، މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނަމެވެ.”

“މި މައްސަލައިގެ ކަންތައްތައް ފުންކޮށް ދިރާސާކުރުމުން، ލިބީއަށާއި އޭނާގެ އާއިލާއަށް ފޯރުކޮށްދިން ފަރުވާގައި އުނިކަންތައްތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.”

“މި ހިތާމަވެރި ހާދިސާއިން އިބުރަތް ހާސިލުކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި އުސޫލުތައް ވަރުގަދަކުރުމުގެ ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ.”

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރުވާ ހޯދުމަށް ތިން ފަހަރަށް ހޮސްޕިޓަލަށް ދިޔުމުން ވެސް ފޮނުވާލި ޒުވާނާ މަރުވީ މަންމަގެ އަތްމަތީގައިދުނިޔެ | 2 ގަޑިއިރު ކުރިންބްރެޑް ޕިޓްގެ ނަން އުނިކުރުމަށް ތިންވަނަ ދަރިފުޅު ކޯޓަށް މައްސަލަ ހުށަހަޅައިފިދުނިޔެ | 4 ގަޑިއިރު ކުރިންބިލް ގޭޓްސް އާއި އެޕްސްޓީން ގުޅުމުގެ އާ ތަފްސީލްގައި ގޭޓްސްގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ހައިރާންކުރުވަނިވި ވާހަކަތަކެއްދުނިޔެ | ދުވަހެއް ކުރިންއަންހެނެއްގެ ކިބައިން ދޮނެއް ދިނުމަށް އެދުނު މީހަކަށް އަދަބުދީފިދުނިޔެ | ދުވަހެއް ކުރިން