ބައްޕަ އާއި ދޮން މަންމަގެ އަނިޔާގެ ވަކިތަކުގެ ދަށުވެ މަރުވި ސާރާ ޝަރީފްގެ ކޮއްކޮމެން ޕާކިސްތާނުގައި ބޭތިއްބުމަށް ނިންމައިފި
11 ޖޫން 2026 - 09:41
އިނގިރޭސިވިލާތުގެ ވޯކިންގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 10 އަހަރުގެ ސާރާ ޝަރީފްގެ ކޮއްކޮމެން ޕާކިސްތާނުގައި ބޭތިއްބުމަށް ނިންމައިފިއެވެ.
ސަރޭ ކައުންޓީ ކައުންސިލުން ބުނެފައިވަނީ އެ ކުދިން އަނބުރާ އިނގިރޭސިވިލާތަށް ގެނައުމަށް ކުރަމުންދިޔަ ގާނޫނީ މަސައްކަތްތައް ހުއްޓާލުން ނޫން އިތުރު ގޮތެއް މިހާރު ނެތް ކަމަށެވެ.

Ad by Hajj Corporation
ސާރާގެ ފަސް ކޮއްކޮ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދިރިއުޅެމުންދަނީ ޕާކިސްތާނުގެ ޖޭލަމްގައި ހުންނަ އެކުދިންގެ ކާފަގެ ގާތުގައެވެ. އިނގިރޭސިވިލާތުގެ ކޯޓަކުން އެކުދިން އަނބުރާ ގެނައުމަށް އަމުރުކޮށްފައިވީ ނަމަވެސް، ޕާކިސްތާނުގެ ކޯޓުތަކުގައި މި މައްސަލަ ދެ އަހަރާއި ބައި ވަންދެން ކުރިއަށް ގޮސްފައިވަނީ ވަރަށް ބޮޑަށް ލަސްވެގެންނެވެ.
ބައްޕަ އާއި ދޮންމަންމަ އަނިޔާކޮށް މަރާލި ސާރާ
ސަރޭ ކައުންޓީ ކައުންސިލްގެ ޗީފް އެގްޒެކެޓިވް ޓެރެންސް ހާބަޓް ވިދާޅުވީ، ކުދިން އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކައުންސިލުން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ހިނގަމުންދާ ގާނޫނީ މަރުހަލާތައް ނިމުމަކަށް އަންނާތީ، ޕާކިސްތާނުގެ ކޯޓުގައި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބާރު ކައުންސިލަށް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސާރާގެ އިންސާނިއްޔަތުކަމެއްނެތް ބައްޕަ އާއި ދޮންމަންމަ
ސާރާ ޝަރީފްގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ އުރުފާން ޝަރީފާއި ދޮންމަންމަ ބީނިޝް ބަތޫލް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި ސާރާގެ ބޮޑުބޭބެ ފައިސަލް މާލިކް ވަނީ 16 އަހަރަށް ޖަލަށްލާފައެވެ. މައްސަލައިގެ ފަނޑިޔާރު ވިދާޅުވެފައިވަނީ މި ހާދިސާގައި ހިމެނޭ އަނިޔާވެރިކަމަކީ ތަސައްވަރުވެސް ނުކުރެވޭ ފަދަ ބޮޑު އަނިޔާވެރިކަމެއް ކަމަށެވެ.
ކުދިންގެ ކާފަގެ ވަކީލު ވިދާޅުވި ގޮތުގައި، މި ކުދިންނަކީ ދެ ގައުމުގެ ރައްޔިތުކަން އޮންނަ ކުދިން ކަމަށްވާތީ، ކުރިމަގުގައި އެކުދިން ބޭނުންވެއްޖެ ހިނދެއްގައި އިނގިރޭސިވިލާތަށް އެނބުރި ދިއުމުގެ ފުރުސަތު އޮންނާނެއެވެ. މިވަގުތު ކުދިންގެ ދާއިމީ ބެލެނިވެރިކަމާ މެދު ގޮތެއް ނުނިންމި އޮތް ނަމަވެސް، މިހާރު ހުރި ހުރިހާ ގޮތްތަކަކުންވެސް ބޮޑަށް ބެލެވެނީ ކުދިން ދެން ތިބޭނީ ޕާކިސްތާނުގައި ކަމަށެވެ.


