ޓެކްސް ބޮޑުކޮށްގެން ޓޫރިސްޓުންގެ އަދަދު މަދެއް ނުވާނެ - މަމްދޫޙު


15 އޮކްޓޯބަރު 2024 - 09:27
އެއާޕޯޓް ޓެކްސް ބޮޑުކޮށްގެން ރާއްޖެ އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުން ދައްކަމުންދާ ވާހަަތަކަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ރައްދު ދެއްވައިފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ރިސޯޓް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހަމަދުގެ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް މިގޮތަށް ވާހަކަ ދެއްކެވީ، ޓީޖީއެސްޓީ %17 ބޮޑު ކުުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އައްބާސްގެ މި ވާހަކައަށް ރައްދު ދެއްވާ މަންޑޭ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އެންމެ ގޯސް މިސްރާބަށް ދިޔަ ވަގުތުގައި ރައްޔިތުންގެ ޖީބުން ދައުލަތަށް އާމްދަނީ އިތުރުކުރުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އޭރު ވެރިކަމުގައި ތިބި އެމްޑީޕީއަށް ފެނުނު ކަމަށެވެ.
އެކަމަކު މި ސަރުކާރުގެ ތަފާތަކީ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއިން އާމްދަނީ އިތުރުކުރެވެން އޮތް ގޮތްތައް ހޯދުން ކަމަށް ވިދާޅުވި އެވެ. މަންޑޭ ވިދާޅުވީ އެކަންކުރަން މި ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ބިލުތަކަށް ވާހަކަދައްކާއިރު މާޒީގެ ތެރެއިން އަހަރުން އަހަރަށް ހިސާބުތައް ބަލައިލަން ޖެހޭ ކަމަށެވެ.
2023 ވަނަ އަހަރު އެމްޑީޕީގެ އަތުން ވެރިކަން ބީވެގެން ދިއުމާ އެކީގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކުރަން އެމްޑީޕީގެ ލީޑާޝިފުން ގޮވަމުން ދިޔަކަން މަންޑޭ ފާހަގަކުރި އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިސްރާބަކަށްދާތަން ފެންނަ ކަމަށް މަންޑޭ ވަނީ ފާހަގަކުރައްވާފަ އެވެ.