ފަޓާސްބަރިއެއްހެން ރަތްކާޑުތަކާއެކު ގިނަބަޔަކު އިންތިޒާރުކުރަމުންގެންދިޔަ ވޯލްޑްކަޕް ފަށައިފި
12 ޖޫން 2026 - 03:57

ފޯރިގަދަ ހަރަކާތްތަކާއެކު ފީފާ ވޯލްޑްކަޕް 2026 ގެ ހުޅުވާމެޗު މެކްސިކޯގައި ކުޅެފިއެވެ. އެގޮތުން ރޭގެ މެޗުގައި ވޯލްޑް ކަޕް ހުޅުވާ މެޗުތަކުގައި މެކްސިކޯއަށް ކުރިމަތިވަމުން އައި ނާކާމިޔާބީއަށް ނިމުމެއް ގެނެސް، އެސްޓާޑިއޯ އަޒްޓެކާގައި ސައުތު އެފްރިކާގެ މައްޗަށް 2-0 އިން މެކްސިކޯ ކުރި ހޯދައިފިއެވެ. ތިން ރަތް ކާޑު ފެނިގެންދިޔަ މި ފޯރިގަދަ މެޗާއެކު މެކްސިކޯއަށް ވަނީ މުބާރާތުގެ ފެށުން ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރުގެ މުޅު ވޯލްޑްކަޕުގައިވެސް ފެނިފައިވަނީ ޖުމްލަ އެންމެ 4 ރަތްކާޑެވެ.
މީގެ ކުރިން ބޭއްވުނު ހަތް މުބާރާތެއްގެ ހުޅުވާ މެޗުގައި މެކްސިކޯ ބައިވެރިވެފައިވީ ނަމަވެސް، އެއިން އެއްވެސް މެޗަކުން އެ ގައުމަށް މޮޅެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަށްވަނަ ފަހަރު މިވަނީ އެ ރެކޯޑު ބަދަލުކޮށްލާފައެވެ. މެކްސިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޫލިއަން ކީނޯނޭސް އާއި ފުލަމްގެ ރައުލް ހިމެނޭޒް އެވެ. ސައުތު އެފްރިކާގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި މެކްސިކޯއިން ވަނީ ލީޑު ނަގާފައެވެ. ސައުތު އެފްރިކާގެ ސިތޯލޭ އަތުން ބޯޅަ ހޯދުމަށްފަހު، ކީނޯނޭސް ވަނީ ގޯލްކީޕަރުގެ ފައިދަށުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކީނޯނޭސްއަށް ދެވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސިތޯލޭއަށް ދެއްކި ރަތް ކާޑާއެކު ސައުތު އެފްރިކާއަށް އިތުރު ދަތިތަކާ ކުރިމަތިވިއެވެ. މެކްސިކޯގެ ދެވަނަ ލަނޑު ޖެހީ މެޗުގެ މެދުތެރެއިން ރައުލް ހިމެނޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަލްވަރާޑޯ ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސައުތު އެފްރިކާއަށް މެޗުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
މެޗުގެ ފަހުކޮޅު ވީއޭއާރު ބެލުމަށްފަހު ސައުތު އެފްރިކާގެ ބަދަލު ކުޅުންތެރިޔާ ތެމްބާ ޒްވާނީއަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެކްސިކޯގެ ސޭސާ މޮންޓޭސްއަށް ވެސް ރަތް ކާޑު ދެއްކުމުން ދެ ޓީމަށް ވެސް މެޗު ނިންމާލަން ޖެހުނީ މަދު ކުޅުންތެރިންނާއެކުގައެވެ. މި މޮޅާއެކު މެކްސިކޯގެ ސަޕޯޓަރުން ވަނީ ބޮޑު އުފާވެރިކަމެއް ފާޅުކޮށްފައެވެ.


