logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ނަޝީދު: ބޮޑު ތަފާތަކުން ކުރީގައި!

ޒިދާން މުޙައްމަދު
12 ޖޫން 2026 - 17:12
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ނަޝީދު: ބޮޑު ތަފާތަކުން ކުރީގައި!

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ ބާރުގަދަ އިދާރީ މަގާމު ކަމަށްވާ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި ފޯރިގަދަ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރު ކުރައްވާފައެވެ.

މުޅި ރާއްޖެއާއި ސްރީލަންކާ ހިމެނޭހެން ބެހެއްޓި 241 ވޯޓު ފޮށީގެ ތެރެއިން، މިހާތަނަށް ނަތީޖާ ލިބިފައިވާ 95 ފޮށީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރައީސް ނަޝީދު އުޅުއްވަނީ ވާދަވެރި ކެންޑިޑޭޓް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށްވުރެ 2,872 ވޯޓު ކުރީގައެވެ. ރައީސް ނަޝީދަށް 4,722 ވޯޓު ލިބިވަޑައިގެންފައިވާއިރު، މީކާއިލްއަށް ލިބިވަޑައިގަތީ 1,850 ވޯޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 50,176 މެންބަރުންނަށް ލިބިފައިވާއިރު، މިއީ އެމްޑީޕީގެ ތާރީޚުގައި ޗެއާޕާސަންގެ މަގާމަށް ބޭއްވުނު 6 ވަނަ އިންތިޚާބެވެ. ޕާޓީގެ ސިޔާސީ މިސްރާބު ކަނޑައެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މި މަގާމަކީ މީގެކުރިންވެސް ރައީސް ނަޝީދު ފުރުއްވާފައިވާ މަގާމެކެވެ. މީގެ އިތުރުން މާރިޔާ އަހުމަދު ދީދީއާއި، ރީކޯ މޫސާ މަނިކާއި، އަލީ ވަހީދު އަދި ހަސަން ލަތީފް ފަދަ ބޭފުޅުން ވަނީ މީގެ ކުރިން މި މަގާމު ފުރުއްވާފައެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ އެތެރޭގެ މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދިޔައީ އަމާންކަމާއެކުގައެވެ. ވަގުތީ ނަތީޖާއިން ރައީސް ނަޝީދު ބޮޑު ތަފާތަކުން ކުރީގައި އުޅުއްވާއިރު، ހުރިހާ ފޮށިތަކެއްގެ ނަތީޖާ ލިބުމުން މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް މިހާރު ލިބިފައިވާ ނަތީޖާއިން ނަޝީދު އިންތިޚާބު ކާމިޔާބު ކުރައްވާނެކަން މިވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ނަޝީދު: ބޮޑު ތަފާތަކުން ކުރީގައި!ޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީ ޗެއަރޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފިޚަބަރު | 8 ގަޑިއިރު ކުރިންޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | 7 ދުވަސް ކުރިންރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | މަހެއް ކުރިން