ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބާއްވާ ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފި
13 ޖޫން 2026 - 05:05

ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވީޑިއޯ މުބާރާތަށް ފުރުސަތު އިތުރުކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވީޑިއޯ ހުށަހެޅުމުގެ ސުންގަޑި މިހާރު 16 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތައްޔާރުކޮށްފައިވާ ވީޑިއޯ އެ މުއްދަތުގެ ކުރިން އެ ޔުނިޓަށް ހުށަހަޅަންޖެހެއެވެ.

Ad by Hajj Corporation
"ބްރޭކިންގ ދަ ސައިލެންސް: ވައި ސްޕީކިންގް އަޕް މެޓަރސް" ނުވަތަ "ހަނުހުރުން ހުއްޓާލުން: ބަސްބުނުމުގެ މުހިންމުކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތަކީ ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ އިދާރާތައް ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ނުވަތަ ނޭދެވޭ ކަންކަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި މުބާރާތުގެ ބޭނުމެކެވެ.
މުބާރާތަށް ހުށަހަޅާ ވީޑިއޯތަކުގައި ހުންނަންޖެހޭ ބައެއް މިންގަނޑުތަކުގެ ތެރޭގައި:
- ވީޑިއޯގެ ދިގުމިން 40 ސިކުންތާއި 60 ސިކުންތާ ދެމެދުގައި ހުރުން.
2. ލޭންޑްސްކޭޕް ފޯމެޓަށް ތައްޔާރުކޮށްފައިވުން.
3. ދިވެހި ނުވަތަ އިނގިރޭސި ބަހުން ހުރުން (އެހެން ބަހަކުން ނަމަ އިނގިރޭސި ސަބްޓައިޓަލް ހިމެނުން).
4. މައުޟޫއުތަކުގެ ތެރޭގައި ކޮރަޕްޝަން ހާމަކުރުން، ނަޒާހަތްތެރިކަން އަދި ބަދަލުހިފުމުގެ އަމަލުތަކުން ރައްކާތެރިވުން ހިމެނުން.
މި މުބާރާތުގެ އެންމެ މޮޅު ތިން ހުށަހެޅުމަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް 1,500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތައް ހޮވުމާއި އިނާމު ދިނުން އޮންނާނީ 23 ޖޫން 2026 ގައި ބާއްވާ "ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް" ފާހަގަކުރުމުގެ ރަސްމީ ހަފުލާގައެވެ. މި ހަފުލާގައި ހޮވާލެވޭ ބައެއް ވީޑިއޯތައް ދައްކާލުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި އެޗްއާރުސީއެމްގެ ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކުގައި ވެސް މި ވީޑިއޯތައް ބޭނުންކުރާނެއެވެ.
އެޗްއާރުސީއެމުން ބުނީ މިއީ ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން ހުއްޓުވުމުގައި ފަރުދުންނަށް އަދާކުރެވިދާނެ މުހިންމު ދައުރާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.


