ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް
13 ޖޫން 2026 - 16:33

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފިއެވެ.
ޗީފް އެގްޒެކެޓިވް އޮފިސަރ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނިކޮށް، 21 މޭ 2026 ގައި ތަސްދީޤުކުރައްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގައި، ޗީފް އެގްޒެކެޓިވް އޮފިސަރގެ ޝަރުޠުތަކާާއި މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation
އެހެންކަމުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ޅ) އަދި 1-10 ވަނަ މާއްދާގެ ދަށުން ޢައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ވަނީ ހުޅުވާލާފައެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޫގުލް ފޯމު (https://forms.gle/wceMsJj2aGwrrxga7) މެދުވެރިކޮށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އެ އޮފީހަށް ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން "ކުށާއި ދަރަނީގެ ރިކޯޑް ފޯމް" ފުރިހަމަކޮށް، ޕެންޝަން އޮފީހުން އެންގުމުން ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2026 އާއި 15 ޖުލައި 2026 އާ ދެމެދުއެވެ.


