ޕެންޝަން އޮފީހުގެ 4 ވަނަ "3 ޖެން ވޯކް" ހަނިމާދޫގައި ކާމިޔާބުކަމާއެކު ބާއްވައިފި
17 އޮކްޓޯބަރު 2026 - 15:49

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ތްރީ ޖެނެރޭޝަން ވޯކް" (3 ޖެން ވޯކް)ގެ 4 ވަނަ ހިނގާލުން ހދ. ހަނިމާދޫގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށްގެން މުޅި އާއިލާއަށް ޚާއްޞަކޮށްގެން ބޭއްވި ހަރަކާތެކެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް އަހަރަކު އެއްފަހަރު ބާއްވާ ހަރަކާތެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ އާއިލާގެ ތެރޭގައި ރަނގަޅު މާލީ އާދަތަކަށް ބާރުއެޅުމެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ހަރަކާތުގެ އެންމެ ޚާއްޞަ އެއް ބަޔަކީ އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ފުރިހަމަކުރި 1 ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މިއީ ހަމައެކަނި ދުޅަހެޔޮކަމަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ހިނގާލުމެއް ނޫން ކަމަށާއި، މާލީގޮތުން ރައްކާތެރި، ތަނަވަސް މުސްތަޤުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުޙަލާއަކަށް އެކަނި ޚާއްޞަވެފައިވާ ކަމެއް ނޫންކަން މި ހިނގާލުމުން ރަމްޒުކޮށްދޭ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް އެއީ މުޅި އުމުރު ދުވަހުގެ ދަތުރެއްކަމާއި، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެ ޖީލެއްގެވެސް ޒިންމާއެއްކަން މި ހަރަކާތުގެ ތެރެއިން ވަނީ ހަނދާންކޮށްދީފައެވެ.
ހިނގާލުމަށްފަހު، ޕެންޝަން އޮފީހާއި ހަނިމާދޫގެ އެކި މުއައްސަސާތައް ގުޅިގެން ވަނީ ޚާއްޞަ އާއިލީ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި މާލީ ކަންކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސްޓޯލްތަކާއި، ކުޅިވަރުތަކާއި، ތަފާތު ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްތައް ހިމެނުނެވެ.
ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރި މި ހަވީރުގެ ސަބަބުން، މުޖުތަމަޢުގައާއި އާއިލާގެ އެކި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އުފާވެރި މާޙައުލެއްގައި އަގުހުރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ވަނީ ތަނަވަސްވެގެން ގޮސްފައެވެ. މިއީ ރިޓަޔަރމަންޓަށް ފުރިހަމައަށް ތައްޔާރުވުމުގެ އާދަ އަށަގެންނެވުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

-01.jpg&w=3840&q=75)
