އައިވީއެފް ހަދައިގެން ލިބުނު ދެބެންނަކީ އެހެން ބައެއް ދަރިންކަމަށް ބުނެ އިންޑިއާގެ ދެމަފިރިއަކު ކްލިނިކާ ދެކޮޅަށް ކޯޓަށް
14 ޖޫން 2026 - 14:06
އިންޑިއާގެ ގުރުގްރާމަށް ނިސްބަތްވާ ދެމަފިރިއަކު، އައިވީއެފް (އިން ވިޓްރޯ ފާޓިލައިޒޭޝަން) ހެދުމަށްފަހު ލިބުނު އެއްމާބަނޑު ދެ އަންހެން ކުދިންނަކީ އެމީހުންގެ އަމިއްލަ ދަރިން ނޫން ކަމަށް ބުނެ ކްލިނިކަކާ ދެކޮޅަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.
ރާހުލް ރާތޯރް އާއި އޭނާގެ އަންހެނުން މީނޫ ރާތޯރް ތުހުމަތު ކުރާ ގޮތުގައި، ދިއްލީގެ ގްރޭޓާ ކައިލާޝްގައި ހުންނަ އިންފާޓިލިޓީ ކްލިނިކަކުން ވަނީ އެހެން ދެމަފިރިއެއްގެ އެމްބްރިއޯ އެމީހުންގެ ރަހިމުގައި އިންދާފައެވެ.

Ad by Hajj Corporation
މި ދެމަފިރިން ބުނި ގޮތުގައި ޖެނުއަރީ 2025 ގައި ހެދި ޓެސްޓުތަކަށްފަހު، ޑޮކްޓަރުން ވަނީ އެމީހުންގެ އަމިއްލަ މަނި އާއި ބިހުގެ އެހީގައި އެމްބްރިއޯ އުފައްދާނެ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް، ޖެނުއަރީ 5، 2026 ގައި ވިހޭ ދެ ކުދިންގެ ސިފަ އެމީހުންނާ އެއްގޮތްކަމެއް ނެތުމުން ކުރި ޑީއެންއޭ ޓެސްޓުން ދެއްކީ އެއީ އެމީހުންގެ ބަޔޮލޮޖިކަލް ދަރިން ނޫން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިއްލީގެ ކޯޓަކުން މިހާރު ވަނީ ފުލުހުންގެ މައްޗަށް އެ މައްސަލަ ތަހުގީގުކޮށް މައްސަލަ ފައިލް ކުރުމަށް އަމުރުކޮށްފައެވެ. ރާހުލް ރާތޯރް ވަނީ ހޮސްޕިޓަލުގެ އައިވީއެފް ރެކޯޑްތަކާއި، ލެބް ރެކޯޑްތަކުގެ އިތުރުން ސީސީޓީވީ ފުޓޭޖްތައް ތަހުގީގަށްޓަކައި ރައްކާތެރިކޮށް ބެލެހެއްޓުމަށް އެދިފައެވެ.
މީނޫ ރާތޯރް އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ދެ ކުދިންނަކީ އެމީހުންގެ ދަރިންނަށް ނުވި ނަމަވެސް މިހާރު އެ ކުދިން ބަލަމުންދާ ކަމަށެވެ.
"އަހަރެންގެ އަމިއްލަ ދަރިފުޅު ހޯދުމަށް އަހަރެން މަސައްކަތް ކުރާ ފަދައިން، މިހާރު އަހަރެންގެ އަތުގައި މިތިބަ ކުދިންގެ އަސްލު މަންމަވެސް އެކުދިންނަށްޓަކައި އިންތިޒާރު ކުރާނެކަން ޔަގީން،" އޭނާ ބުންޏެވެ.
އަދި އޭނާގެ އަމިއްލަ ދަރިފުޅު ހޯދައިދިނުމަށް އެދި ދިއްލީގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް އޭނާ ވަނީ ގޮވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އެހެން ގައުމުތަކުގެ ބައެއް ދެމަފިރިންވެސް އެމީހުންނާ ގުޅައި، އައިވީއެފް ކްލިނިކްތަކުން މިފަދަ އޮޅުވާލުންތައް ކުރިމަތިވެފައިވާ ކަމަށް ބުނަމުންދާ ކަމަށް މީނޫ ފާހަގަކުރިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މިއީ އިންޑިއާގެ ސިއްހީ ދާއިރާގައި ހިނގާފައިވާ ވަރަށް ސީރިއަސް އިހުމާލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.


