ބްރެޒިލްގައި ސޭފްޓީ ރޯޕް ނުޖަހާ އެއްލާލުމުގެ ސަބަބުން ރޯޕް ޖަމްޕް ޖަހަން އުޅުނު ޒުވާނަކު މަރުވެއްޖެ
14 ޖޫން 2026 - 14:17
ބްރެޒިލްގެ ލައިމެއިރާގައި ހުންނަ "ސްކެލެޓަން ބްރިޖް" އިން ފުންމާލަން އުޅުނު އުމުރުން 21 އަހަރުގެ މާރިއާ އެޑުއާޑާ ރޮޑްރިގޭޒް ޑި ފްރެއިޓަސް، ސަލާމަތީ ވާ ނުޖަހާ އޮއްވާ ބްރިޖް މަތިން އެއްލާލުމުގެ ސަބަބުން ވެއްޓި މަރުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ޖޫން 13، 2026 ވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މާރިއާ މި ހަރަކާތުގައި ބައިވެރިވީ "އެންޓްރޭ ކޯޑަސް" އަދި "އިހް ވޮއީ" ކިޔާ ދެ ކުންފުންޏަކުން އިންތިޒާމުކުރި "ރޯޕް ޖަމްޕް" ހަރަކާތެއްގައެވެ. މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި، އެތަނުގެ މުވައްޒަފުން އޭނާ ފުންމާލުމަށް ތައްޔާރުކޮށް ބްރިޖުން ބޭރަށް އެއްލާލިއިރު، އޭނާގެ ހަށިގަނޑުގައި ސަލާމަތީ ވާ (ސޭފްޓީ ރޯޕް) ހަރުކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މީހުން "ވާ! ވާ" އޭ ކިޔާ ހަޅޭއްލެވި ނަމަވެސް، އޭރު އޭނާ ވަނީ ބްރިޖުން ދޫކޮށްލާފައެވެ. ގާތްގަނޑަކަށް 40 މީޓަރު (131 ފޫޓު) މަތިން ބިމަށް ވެއްޓުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކާ އެކު އޭނާ ވަނީ އެތަނަށް މަރުވެފައެވެ. މާރިއާ މި ހަރަކާތަށް ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ހަ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރަމުންދަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މިއީ އިންތިހާ ދަރަޖައިގެ އިހުމާލެއް ކަމަށްވާތީ، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ލައިމެއިރާ ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ބްރިޖަކީ ބޭނުންކުރުން ހުއްޓާލާފައިވާ ތަނަކަށް ވެފައި، އެތަނުގައި ނުރައްކާތެރި ކުޅިވަރުތައް ކުޅުމުގެ ހުއްދަ ނެތް ނަމަވެސް އެކަން ހުއްޓުވުމަށް ފެޑްރަލް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާތީ، ސަރުކާރާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
މާރިއާ މަރުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ވަރަށް އުފަލުން ހުރެ ޕޯސްޓެއް ކޮށްފައެވެ. އޭނާގެ މަރާއެކު ގިނަ ބަޔަކު ދަނީ މިފަދަ ނުރައްކާތެރި ކުޅިވަރުތަކުގައި ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމަށް ގޮވާލަމުންނެވެ.


