ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަހުގެ މުއްދަތެއް
14 ޖޫން 2026 - 16:36

ކާބޯތަކެތި ބަންދު ކުރުމާއި ލޭބަލް ކުރުމުގެ ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.
މިދިޔަ ހަފުތާގައި އާންމުކޮށްފައިވާ މި ގަވާއިދަށް އަމަލުކުރަން މިހާރު ފަށާފައިވީ ނަމަވެސް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވެއެވެ.

Ad by Hajj Corporation
އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވާގޮތުގައި މިހާރު ބާޒާރުގައި ހުރި ތަކެއްޗާއި، އަލަށް އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ތަކެތި މި ގަވާއިދުގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ހަމައެކަނި 'ފުޑް ގްރޭޑަޑް' މެޓީރިއަލް ބޭނުންކޮށްގެން ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕެޓު ފުޅި ފަދަ ތަކެތި އަލުން ބޭނުންކުރުމަކީ މިހާރު މަނާކަމެކެވެ. އަދި ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީވެސް މި ގަވާއިދުގެ ދަށުން މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ދީފައިވާއިރު ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިހުތިޔާރު ވެސް އެ އޮތޯރިޓީއަށް ލިބިފައިވެއެެވެ.
އަދި މީގެ އިތުރުން، އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10,000 ރުފިޔާ އާއި 750,000 ރުފިޔާއާ ދެމެދުން ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ލައިސެންސް ހިފެހެއްޓޭނެ ކަމަށާއި ކުށުގެ ސީރިއަސް ކަމަށް ބަލުލަށްފަހު، ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެފްޑީއޭއަށް އޮންނައިރު، ކުރާ ކުށަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ނަމަ ޖިނާއީ ދައުވާ ވެސް އުފުލާނެއެވެ.
ކާބޯތަކެތި ބަންދުކުރާ މެޓީރިއަލްއާ ގުޅޭގޮތުން ވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައިވާއިރު އެގޮތުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ 'ފުޑް ގްރޭޑަޑް' މެޓީރިއަލްއަކުން ކަމަށާއި އަދި ބަންދުކުރަން ބޭނުންކުރާ އެއްޗަކީ ކާބޯތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވެ، އޭގެ ސަބަބުން ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް އަތުވެދާނެ އެއްޗަކަށް ވެގެން ނުވާނެކަން ވެސްގާނޫނު ގައި ބަޔާން ކޮށްފައިވެއެވެ.
އާ ގަވާއިދުގައިވާ ގޮތުން، އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލަން ހަދާފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅި، ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުމަކީ މަނާކަމަށާއި މި މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.


