ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާޖެހުން މަޖުބޫރުކޮށްފި
15 ޖޫން 2026 - 05:17

އަރިއަތޮޅު ދެކުނުބުރީގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ ސަންޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާ ނުވަތަ "ޕްރޮޕެލަރ ގާޑް" 30 ޖޫން 2026 ގެ ކުރިން ހަރުކުރަންޖެހޭ ގޮތަށް ނިންމައިފިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ނިންމުމަކީ އެ ސަރަޙައްދުގެ ކަނޑުގެ ދިރުންތަކާއި އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation
ބުރަފަތީގައި ރައްކާތެރިކަމުގެ ދާ ހަރުކުރުމުގެ މައިގަނޑު ދެ ބޭނުމަކީ އެއްޗެއްގައި ޖެހިގެން ބުރަފައްޗަށް ނުވަތަ ގިއަރ ބޮކްސަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުން، މޫދުގައި އުޅޭ މީހަކު ނުވަތަ ފެހުރިހީގެ ފަދަ ކަނޑުގެ ދިރުންތައް އެނބުރޭ ބުރަފައްޗެއްގައި ޖެހި ލިބިދާނެ އަނިޔާއަކުން ރައްކާތެރިކުރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނީ ހަމައެކަނި ބުރަފަތީގައި ދާ ހަރުކުރުމުން ހުރިހާ ނުރައްކަލަކުން ސަލާމަތެއް ނުވެވޭނެކަމަށާއި ބުރަފަތިން ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެނބުރޭ ބުރަފައްޗެއްގެ ކައިރީގައި މީހަކު ނުވަތަ ދިރުމެއް ހުރިޔަނުދިންކަމަށެވެ. އެގޮތުން އުޅަނދު ދުއްވާ ފަރާތްތަކުން ހުރިހާ ވަގުތެއްގައިވެސް ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބެލުމާއި އިންޖީނު ޖެއްސުމުގެ ކުރިން ބުރަފަތި ކައިރީގައި ނުރައްކަލެއް އޮތްތޯ ޗެކްކުރުމާއި އިންޖީނު ހިނގާ ވަގުތު "ކިލް ކޯޑް" ބޭނުންކުރުން ހިމެނެއެެވެ.
މީގެ އިތުރުން މޫދުގައި އުޅޭ މީހަކު ބުރަފަތީގައި ޖެހިދާނެ ފަދަ ނުރައްކަލެއް އޮތްނަމަ އިންޖީނު ނިއްވާލުމާއި މޫދަށް ވެއްޓި ބުރަފަތީގައި ޖެހިދާނެ ފަދަ ނުރައްކާތަކާ ގުޅޭގޮތުން ފަސިންޖަރުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑުތަކާއި ދުރުމިނަށް ބޯލެނބުންމަވަށް ވެސް އެ ވުޒާރާއި ވަނީ އިރުޝާދު ދީފައެވެ.


