logoEN
ޚަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް 2 އަތޮޅެއްގައި ކުރިއަށްގެންގޮސްފި

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖުލައި 2025 - 09:49

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމުގައިވާ، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މ. އަތޮޅާއި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ޙަރަކާތްތަކުގައި ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސްވެސް މި އަތޮޅުތަކުގެ ރަށްތަކަށް ހަދިޔާކުރެވުނުކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމެއް ވަނީ މ. އަދި ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ގަސް އިންދުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާކަމަށާއި މިގޮތުން، މި ދެ އަތޮޅުގެ ކޮންމެ ރަށަކަށް އާންމުކޮށް ރަށްރަށުގައި ހެދޭ 50 ގަހާއި، ހާއްސަކޮށް ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް ހަދިޔާ ކުރެވިގެން ދިޔަކަމަށް ވުޒާރާއިން ބުނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރެވުނު ހައިވަކަރު ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާ ކުރައްވާފައިވާ ގަސްތަކެކެވެ. މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބުމާއިއެކު، ރިސޯޓުތަކަށް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

މިހާތަނަށް މ، ލ، އަދި ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެއަރޕޯޓް ހުރި ރަށްތަކަށްވެސް ހައިވަކަރު ގަސްތައް ވަނީ ހަދިޔާ ކުރެވިފައެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތްތައް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. ހައިވަކަރު ގަސްތަކަކީ، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރަމްޒުކޮށްދިނުމުގެ ގޮތުން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder