ހިޔާ އިތުރު ޓަވަރުތަކެއްގައި އިތުރު ލިފްޓް ހަރުކޮށްފި، ބާކީ އެއް ޓަވަރު
15 ޖޫން 2026 - 13:55

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ތެރެއިން 13، 14 އަދި 15 ވަނަ ޓަވަރުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ. މިއާއެކު، ހިޔާގެ 16 ޓަވަރުގެ ތެރެއިން ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ތެރެއިން H13، H14 އަދި H15 ގައި މިހާރު ވަނީ ލިފްޓުތައް ހަރުކޮށް، އާންމުން ބޭނުންކުރުމަށް ހުޅުވާލެވިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 15 ޓަވަރެއްގައި ވަނީ އިތުރު ލިފްޓުތައް ހަރުކޮށް ބޭނުންކުރަން ފަށާފައެވެ.

Ad by Hajj Corporation
ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތި ކަމަށްވާ ލިފްޓުތައް މަދުވުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރެއްގައި 2 ލިފްޓު އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 32 ލިފްޓު ހަރުކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު ސްޓްރެޗަރ އެރުވޭ ގޮތަށް ފަރުމާކޮށްފައިވާ ލިފްޓުތަކެކެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި، 14 މީހުންގެ ޖާގައިގެ މި ލިފްޓުތަކަކީ ލޮލަށް ފެނުމުން މަހްރޫމްވެފައިވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން، ފްލޯ ނަމްބަރުތައް ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލިފްޓުތަކެކެވެ. މި މަސައްކަތް ނިމުމުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓަށް ކިއު ހަދަންޖެހޭ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.


