ވޮލްކެނިކް ކްރޭޓަރަކަށް ވެއްޓި "ޔަމަނުގެ ސްޕައިޑަރ-މޭން" މަރުވެއްޖެ
15 ޖޫން 2026 - 16:02

ސޯޝަލް މީޑިއާގައި "ޔަމަނުގެ ސްޕައިޑަރ-މޭން" ގެ ނަމުން މަޝްހޫރުވެފައިވާ ކެރުންތެރި ފްރީ-ކްލައިމްބަރަކު، ޔަމަނުގެ ދެކުނު ހުޅަނގުގައި އޮންނަ އަލިފާން ފަރުބަދައެއްގެ ކްރޭޓަރަކަށް ވެއްޓި މަރުވެއްޖެއެވެ.
ލޯކަލް އޮތޯރިޓީތަކުން މަޢުލޫމާތު ދޭ ގޮތުގައި، އުމުރުން 30 އަހަރުގެ އަލް-ޤާޤާ އިބްނު އަންތަރު މަރުވީ މިދިޔަ ހުކުރު ދުވަހު އެއްވެސް ސަލާމަތީ އާލާތަކާ ނުލައި ކްރޭޓަރުގެ އުސް ފާރުތަކަށް އަރަން އުޅުމުގެ ތެރޭގައެވެ. އޭނާއަކީ ސޯޝަލް މީޑިއާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ، ނުރައްކާތެރި ހަރަކާތްތައް ދައްކައިދޭ ވީޑިއޯތަކަށް މަޝްހޫރު މީހެކެވެ.

Ad by Hajj Corporation
އަންތަރު ވެއްޓުނު ވަގުތު ކަމަށް ބެލެވޭ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ކްރޭޓަރުގެ ތެދު ފާރަކަށް އަރަމުން ދަނިކޮށް، އަތް ދޫވެގެން ތިރިއަށް ވެއްޓެނީއެވެ. އޭނާ ވެއްޓުނު ހަރުދާ ޑޭމް ވޮލްކެނިކް ކްރޭޓަރަކީ ޔަމަނުގެ އެންމެ މަޝްހޫރު އެއް ގުދުރަތީ ބިނާއެވެ.
ޔަމަންގެ ސްޕައިޑަރ މޭން
ޔަމަނުގެ ސިވިލް ޑިފެންސް އޮތޯރިޓީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރޭޓަރުގެ އެންމެ އަޑިން އަންތަރުގެ ހަށިގަނޑު ނެގުމަށް ވޯޓާ ރެސްކިއު ޓީމުން ކުރި "ހިތްވަރުގަދަ މަސައްކަތަށް" ތައުރީފުކުރާ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަނެއްގެ ގޮތުގައި އެ އިދާރާއިން ސިފަކޮށްފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންތަރުގެ ހަށިގަނޑު ފެނިފައިވަނީ 120 މީޓަރު ފުޅާ އެ ކްރޭޓަރުގެ ފެންގަނޑުގެ 30 މީޓަރު އަޑިންނެވެ. މި ސަރަހައްދަކީ އޭގެ އަޑީގައި ހޫނު ސަލްފާ ފެންގަނޑެއް އޮތުމުގެ ސަބަބުން ފަހަކަށް އައިސް ފަތުރުވެރިންގެ މެދުގައި މަޤްބޫލު ތަނެކެވެ.
މި އޮޕަރޭޝަނުގައި ބައިވެރިވި ޓީމުގެ މެންބަރުންނަށް މިހާރު ވަނީ މަޤާމުގެ ކުރިއެރުން ދީފައެވެ. އެއީ އެ ސަރަހައްދުގެ އުނދަގޫ ހާލަތާއި، ހޫނުމިން މަތިވުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ދެއްކި ހުނަރުވެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.


