މުރަކަ އިންދުމުގެ މަޝްރޫޢެއް ”ޔޫތު އައި އަލިފުށި“ ޒުވާނުން ފަށައިފި
16 ޖޫން 2026 - 12:45

ރ. އަލިފުށީގެ ކަނޑުފަޅުގެ މާހައުލަށް އާ ދިރުމެއް ގެނެސްދިނުމުގެ މާތް މަޤްޞަދުގައި، އެ ރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ފެށި މުރަކަ އިންދުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ. "ޔޫތު އައި އަލިފުށި" އިން އިންތިޒާމުކުރި މި ހަރަކާތަކީ ރަށުގެ ފަރުތައް އަލުން އާލާކޮށް، ތިމާވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ދަށުން އަލިފުށީ ފަޅުތެރޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ މުރަކަ ވަނީ އިންދާފައެވެ. ޔޫތު އައި އިން ހާމަކުރި ގޮތުގައި، މިއީ ހަމައެކަނި ތިމާވެށީގެ މަސައްކަތެއް ނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢު ގުޅިގެން ރަށުގެ ކުރިމަގަށްޓަކައި ކުރި އުއްމީދީ އިންވެސްޓްމަންޓެކެވެ. މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ވޮލަންޓިއަރުންނާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ހިއްސާ ޔޫތު އައި އިން ވަނީ ނުހަނު އުފަލާއެކު ފާހަގަކޮށްފައެވެ.

Ad by Hajj Corporation

މިއީ މޫދުގެ ފުންމިނުގައި އާލާކުރަމުންދާ އުއްމީދެއް ކަމަށާއި މިއަދު އިންދާލެވުނު ކޮންމެ މުރަކަ ބުރިއަކީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ވެވޭ ވަޢުދެއް ކަމަށް ޔޫތު އައި އިން ދެކެއެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މުޖުތަމަޢު އެކަތިގަނޑަކަށް ވެގެން ކުރެވިދާނެ ކަންކަމުގެ ދިރިހުރި މިސާލެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ.
މި މަޝްރޫޢަކީ އަދި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މެދުކެނޑުމެއްނެތި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ޒުވާނުން ވަނީ ދީފައެވެ. މިފަދަ އިސްނެގުންތަކުގެ ސަބަބުން ރަށުގެ ފަޅުތެރޭގެ ދިރުން އިތުރުވެ، މަސްމަހާމެހީގެ އާލާވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
"ޔޫތު އައި އަލިފުށި" އަކީ ޒުވާނުންގެ ބިނާކުރަނިވި ވިސްނުމާއި ތަޞައްވުރުގެ މައްޗަށް ބިނާވެފައިވާ މިނިވަން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ މަޤްޞަދަކީ މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހޭލުންތެރިކަން އުފެއްދުމެވެ. އަލިފުށީގެ އިތުރުން ރަށުން ބޭރުގައިވެސް ތަފާތު ހަރަކާތްތަކާއި މަޝްވަރާތައް ހިންގުމަށް މި ޕްލެޓްފޯމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.


