ޕޭޕަލްއާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އައު ދިރުމެއް: އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތް ފަށައިފި
16 ޖޫން 2026 - 17:20

ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލް ފަދަ ޓެކްނޮލޮޖީތައް ދިވެހި ޒުވާނުންނާ ހަމައަށް ގެނެސްދީ، ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލް ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު އެހެން ޕްލެޓްފޯމްތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ތަޢާރަފްކުރައްވާނެ ކަމަށެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ.

Ad by Hajj Corporation
މި ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫއަށް މިދިޔަ އަހަރު ދޫކޮށްފައިވާއިރު، މިހާރު އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ދިވެހިންނަށް ޕޭޕަލްގެ މުޢާމަލާތްތައް ކުރެވޭނެއެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމަށް އައި ތާރީޚީ ބަދަލެކެވެ.ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލްގެ ޚިދުމަތާއެކު ރާއްޖޭގެ އިޤްތިޞާދީ މިޞްރާބު ވަނީ ބަދަލުވާން ފަށާފައެވެ.
"މިހާރު ޕޭޕަލް ރާއްޖެއަށް ތަޢާރަފްވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ،" ވަޒީރު ވިދާޅުވިއެވެ.
މި ބަދަލާއެކު ރިއަލްޓައިމްކޮށް ފައިސާ ލިބުމުގެ ފުރުޞަތު ފަހިވެ، ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިޤްތިޞާދުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދަކަށް ހެދުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޑިޖިޓަލައިޒޭޝަނަށް ދީފައިވާ އިސްކަމާއެކު، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި އިޤްތިޞާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ޕޭޕަލް ފަދަ އީ-ވޮލެޓްތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުގައި ވިޔަފާރިކޮށް، ފަސޭހަކަމާއެކު ފައިސާ ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުބާރު މިހާރު ރާއްޖެއަށް ވަނީ ލިބިފައެވެ.


