ގޯޓް މެސީ ވޯލްޑްކަޕްގައި ހެދި ފުރަތަމަ ހެޓްރިކާއެކު މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ ރެކޯޑްހަދައިފި
17 ޖޫން 2026 - 03:56

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕް ދިފާއުކުރުމުގެ ދަތުރު ވަރުގަދަ މޮޅަކާއެކު ފަށައިފިއެވެ. އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅުވީ ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ކޫލުންތެރިޔާކަމަސް ގިނަބަޔަކު ޤަބޫލުކުރާ ލިއޮނަލް މެސީ ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކުގައެވެ.
ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗުގައި މެސީ ހެދި މި ހެޓްރިކާއެކު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ މިހާރު ވަނީ ވޯލްޑް ކަޕްގައި 16 ލަނޑު ހަމަކޮށް، ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

Ad by Hajj Corporation
ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. އިންޓަ މިއާމީގައި އޭނާއާއެކު ކުޅޭ ރޮޑްރިގޯ ޑި ޕޯލް ދިން ބޯޅައަކުން މެސީ މި ލަނޑު ޖެހީ ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން ބަލަހައްޓަމުންދިޔަ ގޯލަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ލޫކާ ޒިދާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެސީ އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، އޭނާގެ ހެޓްރިކް ފުރިހަމަކުރީ 76 ވަނަ މިނެޓުގައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ. އަދި މިއީ ހަ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް މެސީއަށް ލިބުނު މެޗެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ޗެމްޕިއަނުންގެ ގޮތުގައި އޮވެ އާޖެންޓީނާއިން އެ މުބާރާތެއްގެ ފުރަތަމަ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1982 އަދި 1990 ވަނަ އަހަރު ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ އާޖެންޓީނާ ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.
ގްރޫޕް ޖޭ ގައި ހިމެނޭ އާޖެންޓީނާ ދެން ބައްދަލުކުރާނީ އޮސްޓްރިއާ އަދި އުރުދުންއާއެވެ. އާޖެންޓީނާގެ އަމާޒަކީ ދުނިޔޭގެ ތާރީޚުގައި ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ ގައުމަށް ވުމެވެ.


