logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލިމާލޭގައި މާލެ ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

މަރިޔަމް މާޙީ
17 ޖޫން 2026 - 04:55
ވިލިމާލޭގައި މާލެ ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، "މާލެ ޓެކްސީ"ގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ނިންމާލައިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި ޚިދުމަތް ވިލިމާލޭގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދީ އާއި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ ވިލިމާލެއަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގައި އެ ބޭފުޅުން ވަނީ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން "މާލެ ޓެކްސީ"ގެ ނަމުގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ. މި ޚިދުމަތަށް ބޭނުންކުރާ އެޕްލިކޭޝަން ފުރަތަމަ އެޕަލްގެ އެޕްސްޓޯރަށް ތަޢާރަފްކުރި ނަމަވެސް، މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތަށް އެދެވޭނެއެވެ.

މި އެޕްލިކޭޝަންގެ އެހީގައި ދަތުރުތައް ދުރާލާ ތާވަލުކުރުމުގެ ފުރުޞަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި، ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިންނެވެ. ފައިސާ ދެއްކުމުގައި ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާއިރު، އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ. މީގެއިތުރުން، ކުރިން ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕުން ފެންނަން ހުންނާނެއެވެ.

ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. އަދި ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތުގެ އިތުރުން، ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އަދި، މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރައްކާތެރި، ތުބާރު ހުރި އަދި ތިމާވެށްޓަށް ގެއްލުން ކުޑަ ދަތުރުފަތުރުގެ ނިޒާމެއް މާލެ ސަރަހައްދުގައި ގާއިމުކުރުމެވެ. ވިލިމާލޭގައި މި ޚިދުމަތް ފެށުމުން އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނިގޮތުގައި، ވިލިމާލޭގައި މި ޚިދުމަތް ފެށުމަށް މިހާރު ކުރިއަށްދަނީ ޓެކްސީތައް ޗާޖުކުރާނެ ނިޒާމު ގާއިމުކުރުމާއި، ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު، ލަސްތަކެއްނުވެ ވިލިމާލޭގެ މަގުތަކުގައި މާލެ ޓެކްސީ ގެ ހިދުމަތް ރަސްމީކޮށް ފެށިގެންދާނެއެވެ.

ވިލިމާލެއަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ، ތިމާވެށްޓާ ރައްޓެހި ރަށަކަށް ވުމާއެކު، އެމްޓީސީސީން ތައާރަފުކުރާ އިލެކްޓްރިކް ޓެކްސީތަކަކީ އެ ރަށުގެ މާހައުލާ ގުޅޭ، އަދި ރަށުގެ ހިތްގައިމުކަމަށް ބުރޫނާރާނެ ފަދަ އުޅަނދުތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ބަލިމީހުން އުފުލުމާއި، ބަރު ތަކެތި އުފުލުމުގައި ވިލިމާލެ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން އުންމީދު ކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި މާލެ ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންހިދުމަތް ފުޅާކޮށް، ފަސޭހަކުރުމަށް ޓެކްސީ ގަވާއިދަށް އިސްލާހުތަކެއްޚަބަރު | 5 މަސް ކުރިންޓެކްސީ ލައިން ފަށައިގަންނަން 407 ޑްރައިވަރުން، ފުރުސަތު ހުޅުވާލައިފިޚަބަރު | 7 މަސް ކުރިންސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ޓެކްސީ ލައިން ތައާރަފްކުރަން އެމްޓީސީސީ އަށްޚަބަރު | އަހަރެއް ކުރިން