ގޯއްޗާއި ފުލެޓަށް އެދި ބައި ލައްކައަށް ވުރެ ގިނަ އެޕްލިކޭޝަން
17 ޖޫން 2026 - 06:37
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފުރުޞަތުގައި ޖުމްލަ 58,505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ފްލެޓަށް އެދި 35,930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22,575 އެޕްލިކޭޝަނެވެ.

Ad by Hajj Corporation
މި އެޕްލިކޭޝަންތަކުގެ ތަފްސީލަށް ބަލާއިރު، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 45,644 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ހުށަހަޅާފައިވަނީ 12,861 އެޕްލިކޭޝަނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދުން އަދި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ފްލެޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.


