ޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް އަތުލައިގެންފި
17 ޖޫން 2026 - 06:51
.webp&w=3840&q=75)
ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަން ހިންގަން މެދުވެރިވީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެންނެވެ.
މި ޝިޕްމެންޓް ބަލައިފާސްކުރިއިރު، ވޭޕްތައް ފޮރުވާފައި ހުރީ އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައެވެ. އެގޮތުން، މި ތަކެތި ފެނިފައިވަނީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުއްޓައެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވަނީ އަތުލައިގެންފައެވެ. މި ހުރިހާ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


