ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި 800 މީހުންގެ ޖާގައިގެ މިސްކިތް ކޮމްޕްލެކްސްއެއް ބިނާކުރަނީ
17 ޖޫން 2026 - 13:11

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ޒަމާނީ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ. މި މަޝްރޫޢަކީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ ދީނީ ބޮޑު މަޝްރޫޢެކެވެ.
މި ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، މި މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށްދެއްވާ މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މިސްކިތް ކޮމްޕްލެކްސްގެ މުހިންމު ބައިތައް
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ކޮމްޕްލެކްސްއަކީ ހަމައެކަނި ނަމާދުކުރާ މިސްކިތެއްގެ އިތުރުން ދީނީ އެކި ޚިދުމަތްތައް ލިބޭނެ ތަނެކެވެ. އެގޮތުން މިތަނުގައި ހިމެނޭ ބައިތަކުގެ ތެރޭގައި:
- އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ
- މަލްޓި ޕަރޕަސް ހޯލެއް
- ލައިބްރަރީއެއް
މި މަޝްރޫޢަކީ މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން އައްޑޫ ސިޓީއަށް ވެދެއްވާ މިފަދަ ދެވަނަ ބޮޑު އެހީއެވެ. މީގެ ކުރިން އެމަނިކުފާނުގެ އަމިއްލަ ގޯތި ވަޤްފުކުރައްވައި، އައްޑޫ ހުޅުދޫގައިވެސް ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ. ގަން އެއަރޕޯޓުގައި މި ބިނާކުރެވޭ ކޮމްޕްލެކްސްގެ ސަބަބުން އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.


