ޖަލުތަކުގެ ނިޒާމު ބަދަލުކޮށްލާނެ 'ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް' ގެ މަސައްކަތް މިމަހު ފަށަނީ
17 ޖޫން 2026 - 16:40
.jpg&w=1920&q=75)
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުންދާ ޖަލުތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢު، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާންއެވެ.
އިޞްލާޙީ މަރުކަޒަކަށް ޖަލުތައް ބަދަލުކުރުން

Ad by Hajj Corporation
ވަޒީރު އަލީ އިހުސާން ވިދާޅުވީ މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް އެންމެ އެކަށީގެންވާ ގޮތަށް ބިނާކޮށްފައިވާ ތަންތަން ނޫން ކަމަށެވެ. އެހެންކަމުން، އައު ޕްރިޒަން ކޮމްޕްލެކްސް ވެގެންދާނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ ފުރިހަމައަށް ހިންގޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭ ތަނަކަށެވެ. "ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެ ފަދަ ގޮތަކަށް ޖަލުތަކުގެ ފަރުމާ ބަދަލުކުރުމަކީ، އިޞްލާޙީ މަސައްކަތްތައް ހަރުދަނާވެ، އެދެވޭ ނަތީޖާއެއް ހާސިލުކުރުމަށް ލިބޭނެ ބޮޑު ބާރެއް،" ވަޒީރު ފާހަގަކުރެއްވިއެވެ.
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ޒަމާނީ ވަސީލަތްތައް
އުތުރު ތިލަފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ މި ކޮމްޕްލެކްސްގައި ގިނަ ޚިދުމަތްތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ، ހާފްވޭ ހައުސް، ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ އިތުރުން 1000 މީހުންގެ ޖާގައިގެ މިސްކިތަކާއި މެޑިކަލް ފެސިލިޓީ ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޖަލުތައް މި އައު އިމާރާތަށް ބަދަލުކޮށް ނިންމުމެވެ.
ޤާނޫނީ ބަދަލާއި 'ހޯޕް އައިލެންޑް'
މި މަޝްރޫޢުގެ ދަށުން ކުށްކުރާ ކުޑަކުދިން އިޞްލާޙުކުރުމަށް ޚާއްޞަ "ހޯޕް އައިލެންޑް" ވެސް އުތުރު ތިލަފަޅުގައި ގާއިމުކުރާނެއެވެ. މީގެ އިތުރުން ޖަލު ހުކުމް ތަންފީޒުކުރާ ފަރާތްތަކުން ފުރިހަމަކުރާ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ކޮންމެ ދުވަހަކަށް، ހުކުމުން ދުވަހެއް އުނިކުރެވޭ ގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މި އިޞްލާޙު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ތަންފީޒުވާން ފަށާނެ ކަމަށް ބެލެވެއެވެ.
މި ބޮޑު ބަދަލާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަމޫނާ މުއައްސަސާއަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.


