ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގައި ޒުވާން އަންހެނުން މަރުވުމުގެ ފުރުސަތު އެޗްޕީވީ ވެކްސިންއިން ވަރަށް ކުޑަކޮށްދޭ: ދިރާސާ
18 ޖޫން 2026 - 17:01

އުމުރުން 12 އަހަރާއި 13 އަހަރާ ދެމެދު އެޗްޕީވީ (ހިއުމަން ޕެޕިލޯމާވައިރަސް) ވެކްސިން ޖަހާ ކުދިން، އުމުރުން 30 އަހަރުވުމުގެ ކުރިން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގައި މަރުވުމުގެ ފުރުސަތު ގާތްގަނޑަކަށް އެއްކޮށް ނެތިގެންދާކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
މިއީ މިފަދަ ގޮތަކަށް ކުރެވުނު ފުރަތަމަ ދިރާސާއެވެ. މި ދިރާސާއިން އެނގުނުގޮތުގައި އިނގިރޭސިވިލާތުގައި 2008 ވަނަ އަހަރު ސްކޫލް ކުދިންނަށް މި ވެކްސިން ދޭން ފެށި ފަހުން، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

Ad by Hajj Corporation
މިހާތަނަށް މި ވެކްސިންގެ ސަބަބުން އެކަނިވެސް އިނގިރޭސިވިލާތުން 200 އެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށް މި ދިރާސާއިން އެއްކުރި ތަފާސްހިސާބުތަކުން ދައްކައެވެ. ޚާއްޞަކޮށް 2020 އާއި 2024 އާ ދެމެދު އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން މި ބަލީގައި އެއްވެސް މީހަކު މަރުވެފައި ނުވާކަން ދިރާސާއިން ފާހަގަކޮށްފަވެއެވެ.
"އެންމެ އިންޖެކްޝަނަކުން ވަކި ބާވަތެއްގެ ކެންސަރެއް ގާތްގަނޑަކަށް އެއްކޮށް ނައްތާލެވިދާނެ ކަމަށް ގަބޫލުކުރުމަކީވެސް ހައިރާންކުރުވަނިވި ކަމެއް" ކްއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ އިސް ދިރާސާވެރިޔާ ޕްރޮފެސަރ ޕީޓަރ ސަސިއޭނީ މި ދިރާސާއާއި ގުޅިގެން ވިދާޅުވެފަވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވެކްސިން ޖަހާފައިވާ ޖީލުތައް އުމުރުން ދުވަސްވަމުންދާ ވަރަކަށް، މި ބަލިން ސަލާމަތްކުރެވޭ ފުރާނައިގެ އަދަދު އިތުރުވާނެ ކަމަށެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ 99 އިންސައްތަ ކޭސްތަކަކީ ހަމުގެ ބައްދަލުވުމުގެ ތެރެއިން ފެތުރޭ އެޗްޕީވީ ވައިރަހުގެ ސަބަބުން ޖެހޭ ކޭސްތަކެވެ. އިނގިރޭސިވިލާތުގައި އަހަރަކު ގާތްގަނޑަކަށް 3,300 މީހުންނަށް މި ބަލި ޖެހޭއިރު، މިއީ އެ ގައުމުގެ އަންހެނުންގެ މެދުގައި 14 ވަނައަށް އެންމެ އާންމު ކެންސަރެވެ. 2019 ވަނަ އަހަރުން ފެށިގެން ފިރިހެން ކުދިންނަށްވެސް މި ވެކްސިން ދޭން ފަށާފައިވަނީ އެކުދިންނަށް ޖެހޭ އެކި ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށާއި ވައިރަސް ފެތުރުން މަދުކުރުމަށެވެ.
ކެންސަރ ރިސާޗް ޔޫކޭއިން މި ހޯދުންތަކަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ވެކްސިން ޖަހާ މިންވަރު ދަށްވަމުންދާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އިން ލަފާދެނީ މި ބަލި ނައްތާލުމަށްޓަކައި 90 އިންސައްތަ ކުދިން ވެކްސިން ފުރިހަމަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު މި ނިސްބަތް ހުރީ 76 އިންސައްތައިގައެވެ.
އިނގިރޭސި ސަރުކާރުން އަމާޒު ހިފާފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ އެ ގައުމުގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ހެދުމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވެކްސިން ޖަހާ މިންވަރު އިތުރުކުރުމަށާއި، ސްކްރީނިންގް ހެދުމަށް ނާންނަ މީހުންނަށް ގޭގައި ތިބެގެން ޓެސްޓު ކުރެވޭނެ ކިޓްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


