ވިއެޓްނާމްގައި ކެއުމަށް ބޭނުންކުރުމަށް ވަގަށް ނަގާފައިވާ ސަތޭކައަށްވުރެ ގިނަ ބުޅާ ފުލުހުން ސަލާމަތްކޮށްފި
18 ޖޫން 2026 - 17:13

ވިއެޓްނާމްގައި ކަތިލުމަށް ތައްޔާރުކޮށްފައިވާ 400 އަށްވުރެ ގިނަ ބުޅާ، އެ ގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފިއެވެ.
މިއީ ބުޅާ ވަގަށް ނަގާ ވިއުގައެއް ރޫޅާލުމަށްފަހު ސަލާމަތްކުރި ބުޅާތަކެއް ކަމަށް ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
ހޯޗީމިން ސިޓީގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުޅާ ވަގަށް ނެގުމުގައި ހަރަކާތްތެރިވާ މި ޖިނާއީ ގްރޫޕާ ގުޅުންހުރި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފާއިތުވި ހަފުތާގައި ޓޭ ނިންހް ޕްރޮވިންސާއި ހޯޗީމިން ސިޓީގައި ހިންގި ރޭޑްތަކުގައި 400 އަށްވުރެ ގިނަ ދިރިހުރި ބުޅަލުގެ އިތުރުން، އައިސް އަޅާފައިވާ ފޮށިތަކެއްގައި މަރުވެފައިވާ 80 ބުޅާ ފެނިފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ގްރޫޕް ހޯދާފައިވަނީ ހޯޗީމިން ސިޓީން ގިނަ އަދަދެއްގެ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ގެއްލެމުންދާ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިންނެވެ. ހައްޔަރުކުރި މީހުން ވަނީ ވިއެޓްނާމްގެ ދެކުނުގެ ސަރަހައްދުތަކުން ފާއިތުވި ތިން އަހަރު ދުވަހު ބުޅާ ވަގަށް ނަގައި، އެ ތަކެތި ވިޔަފާރިވެރިންނަށް ވިއްކަމުންދިޔަ ކަމަށް އިއުތިރާފުވެފައެވެ.
ވިއެޓްނާމްގައި ކުއްތާ އާއި ބުޅަލުގެ މަސް ކެއުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ. ނަމަވެސް، އެފަދަ މަސް ވިއްކާ ފަރާތްތަކުން އެ ތަކެއްޗަކީ ކޮންތަނަކުން ގެނައި އެއްޗެއްކަން އަންގައިދޭ ހުއްދަ އޮންނަން ޖެހެއެވެ. ހިއުމޭން ވޯލްޑް ފޯ އެނިމަލްސް އިން ބުނި ގޮތުގައި ސަލާމަތްކުރި ބުޅާތަކުގެ ތެރެއިން 40 ބުޅަލެއް މިހާރު ވަނީ އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވިފައެވެ.
ޖަމިއްޔާއިން ބުނާ ގޮތުގައި ވިއެޓްނާމްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން ކުއްތާ އާއި އެއް މިލިއަން ބުޅާ ކެއުމަށްޓަކައި ކަތިލެވެއެވެ. ގިނަ ފަހަރަށް މި ތަކެތި ނަގަނީ ގޭގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ގޮތުގައި ތިއްބައެވެ. ނަމަވެސް، 2023 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި މިފަދަ މަސް ކެއުމާ ދެކޮޅު ހަދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އަމިއްލަ ބުޅާ ގެއްލިފައިވާ ފަރާތްތަކުން ފުލުހުންނާ ގުޅައި، ސަލާމަތްކޮށްފައިވާ ބުޅާތަކުގެ ތެރޭގައި އެމީހުންގެ ބުޅާ ހިމެނޭތޯ ބެލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


