logo
MPL

MPL

ޚަބަރު

މޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޒިދާން މުޙައްމަދު
18 ޖޫން 2026 - 12:43
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދޭ އެއްބާރުލުން މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" އާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހީންގެ ދިރިއުޅުމާއި މޫސުމީ ބަދަލުތަކަކީ ވަކިނުކުރެވޭނެހާ ބޮޑަށް ގުޅިފައިވާ ދެކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ސަބަބުތަކަށްޓަކައި ހިޖުރަކުރަންޖެހޭ ހާލަތްތަކުގައި ޢަމަލުކުރާނެ ބައިނަލްއަޤުވާމީ އުސޫލުތަކަކީ ޤައުމުތަކުގެ ކުރިމަގަށްޓަކައި މިހާރުން މިހާރަށް ބޭނުންވެފައިވާ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލުންތެރި އުމްރާނީ ތަރައްޤީއަށް ރާއްޖޭގެ އަމާޒު

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ވިލުންތެރި ރަށްތަކެއް ބިނާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މިގޮތުން ހުޅުމާލެއަކީ އެފަދަ ތަރައްޤީގެ ނަމޫނާއެއް ކަމަށާއި، އަލަށް ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢަކީވެސް ދިގު މުއްދަތުގެ ޙައްލުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، މޫސުމީ ހިޖުރަކުރުމުގެ އުސޫލުތައް އެކުލަވާލާއިރު، މީހުން އަމިއްލަ ވަޒަނުގައި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތްތަކަށް އިސްކަންދޭންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު ހިޖުރަކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރަންވާނީ އެ ބައެއްގެ ފުރިހަމަ އިޚްތިޔާރާއި ތައްޔާރީއާއެކުކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ މުހިންމުކަން

ނާޒުކު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަނި މަސައްކަތް ނުކުރެވޭނެކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ލުއި ލޯނާއި ހިލޭ އެހީގެ އިތުރުން، ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ.ބަޔާން ނިންމަވާލައްވަމުން، ކްލައިމެޓް މޮބިލިޓީއާ ގުޅޭ ބައިނަލްއަޤުވާމީ އުސޫލުތަކަށް ރާއްޖޭން ފުރިހަމައަށް ތަޢީދުކުރާކަން ހާމަކުރައްވައި، ރައްޔިތުންގެ ޙައްޤުތަކާއި މަންފާއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއްގައި ރާއްޖޭން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، އިތުރު ކުރިއެރުމަށް އެދެން: ނައިބު ރައީސްޚަބަރު | 2 ގަޑިއިރު ކުރިންނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ސަރުކާރުން ކަށަވަރުކޮށްދޭނެ: ނައިބު ރައީސްޚަބަރު | މަހެއް ކުރިންމޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 2 މަސް ކުރިން