ކުކުޅު ބަލިވުމުން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިޔަ 12 އަހަރުގެ ކުއްޖަކު ގިނަ ބައެއްގެ ލޯބި ހޯދައިފި
19 ޖޫން 2026 - 15:17

އިތިއޯޕިއާގެ ރަށެއްގައި ދިރިއުޅޭ އުމުރުން 12 އަހަރުގެ މާކޯސް އަބާޔޭ، އޭނާގެ ކުކުޅު ބަލިވުމުން ފަރުވާ ހޯދުމަށް އިންސާނުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ދިޔަ ހާދިސާއަކާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިއްޖެއެވެ.
މާކޯސްގެ މި އަމަލަކީ އޭނާ ގެންގުޅޭ ކުކުޅަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކުރި ކަމެކެވެ.

Ad by Hajj Corporation
އަމްހާރާ ސަރަހައްދުގެ ދެންބެޗާ ޕްރައިމަރީ ހޮސްޕިޓަލުގެ ނަރުހަކު ރެކޯޑުކޮށް ޓިކްޓޮކަށް ދޫކޮށްލި މި ވީޑިއޯއަށް 770,000 އަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ މާކޯސްގެ އޯގާތެރިކަމަށް ތައުރީފުކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މާކޯސް ކުކުޅު އަތަށްލައިގެން ހުރެ، ކަންބޮޑުވުމާއެކު ނަރުހަށް ކިޔައިދެނީ ކުކުޅު ނޭވާލާން އުނދަގޫވާ ވާހަކައެވެ. ނަރުސް އުމަރު ޗާނީ އޭނާއަށް ބުނެދިނީ އެއީ އިންސާނުންގެ ހޮސްޕިޓަލެއް ކަމަށާއި، ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރަކަށް ދެއްކުމަށެވެ.
މާކޯސްގެ ބޮޑުބޭބެ ކެލެމެވޯކް އަމޯގްނޭ ބުނި ގޮތުގައި، ކުކުޅު ބަލިވުމުން މާކޯސް ވަރަށް ބޮޑަށް ދެރަވެ، ކިޔެވުމާއި ކެއުންވެސް ހުއްޓާލިއެވެ. މި ކުކުޅަކީ 2023 ވަނަ އަހަރު އަމްހާރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ބޮޑުބޭބެ ކައިރިއަށް މާކޯސް ފޮނުވާލިއިރު، އޭނާގެ ކާފަ އާއި މާމަ ދިން ހަދިޔާއެކެވެ. މާކޯސް މި ކުކުޅަށް އިންތިހާއަށް ލޯބިކުރާއިރު، ކުކުޅު ހިނގާއިރު ވަޅުގަނޑުތަކަށް ނުވެއްޓޭނެހެން ކުދި ފާލަންތައްވެސް ހަދައިދީ އުޅެއެވެ.
ހޮސްޕިޓަލުން އެނބުރި އައިސް މާކޯސް ބުނީ މީހުން އޭނާއަށް މަލާމާތްކުރި ކަމަށެވެ. ނަމަވެސް އޭނާ ކުކުޅު ގޮތްވީ ހޮސްޕިޓަލަށްކަން އާއިލާއަށް އެނގުނީ ސޯޝަލް މީޑިއާއިން އެ ވީޑިއޯ ފެނުމުންނެވެ. މާކޯސް ހީކުރީ ހޮސްޕިޓަލަކީ އިންސާނުންނާއި ޖަނަވާރުންނަށްވެސް ފަރުވާދޭ ތަނެއް ކަމަށެވެ. ފަހުން އޭނާ ވަނީ ވެޓެރިނަރީ ޑޮކްޓަރަކަށް ކުކުޅު ދައްކައި ފަރުވާ ހޯދާފައެވެ.
ބީބީސީއާ ވާހަކަދައްކަމުން މާކޯސް ބުނީ މިހާރު ކުކުޅުގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ރައްކާކޮށްފައި ހުރި 12 ބިސް ކުކުޅަށް ދޭނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިތިއޯޕިއާގެ ކުކުޅު ގެންގުޅޭ ކުންފުންޏަކުން ވަނީ މާކޯސްއަށް 100 ކުކުޅު ހަދިޔާކުރުމަށާއި، ކުކުޅު ގެންގުޅޭނެ ގޮތުގެ ތަމްރީނު ދިނުމަށް ނިންމާފައެވެ.


