އެހީތެރިކަމެއް ނުހޯދާ ގޭގައި ވިހެއުމުގެ ތެރޭގައި އޮސްޓްރޭލިއާގެ އިންފްލުއެންސަރަކު މަރުވެއްޖެ
20 ޖޫން 2026 - 03:15

ސިއްހީ މާހިރުންގެ އެހީތެރިކަމެއް ނެތި ގޭގައި ވިހެއުމަށް ނިންމި އޮސްޓްރޭލިއާގެ މަޝްހޫރު އިންފްލުއެންސަރަކު، ލޭ މަނާނުވެގެން މަރުވި މައްސަލައެއް އެ ގައުމުގެ ކޯޓުގައި ބަލަން ފަށައިފިއެވެ. އުމުރުން 30 އަހަރުގެ ސްޓޭސީ ވާނެކޭ މަރުވީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގޭގައި ވިހެއުމުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކެއްގައެވެ.
ސޯޝަލް މީޑިއާގައި "ކެމިކަލް ފްރީ" ދިރިއުޅުމަކަށް ބާރުއަޅަމުންދިޔަ ސްޓޭސީ ވިހެއީ އޭނާގެ ފިރިމީހާ ނޭތަން އާއި ޑޫލާއެއް (އެހީތެރިއެއް) ކަމަށްވާ އެމިލީ ލާލްގެ ހާޒިރުގައެވެ. އޭނާ އިޚްތިޔާރުކުރީ އެއްވެސް ތަމްރީނު ލިބިފައިވާ ސިއްހީ ބޭފުޅެއްގެ އެހީއާ ނުލައި ވިހެއުމަށެވެ. ކޯޓަށް ހުށަހެޅިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މަސް ނޭރުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވެ، ނޭވާލާން އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް، އެމްބިއުލާންސަށް ގުޅުމަށް އޭނާ ދެ ފަހަރެއްގެ މަތިން އިންކާރުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
އެމްބިއުލާންސްގައި ފްރޭންކްސްޓަން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ސްޓޭސީގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވިއެވެ. ޑޮކްޓަރުން އޭނާ ސަލާމަތްކުރުމަށް ކުއްލި ސާޖަރީއެއް ހަދައި، ހޮސްޕިޓަލުގައި ހުރި އޭނާގެ ލޭގެ ގްރޫޕުގެ ހުރިހާ ލޭގެ ސްޓޮކެއް ބޭނުންކުރި ނަމަވެސް، ހިތް ހުއްޓިގެން އޭނާ ވަނީ މަރުވެފައެވެ. ޕެތޮލޮޖިސްޓް މައިކަލް ބާކް ހެކިބަސް ދެމުން ވިދާޅުވީ، ވިހެއުމުގެ ތެރޭގައި ލޭ ބޭރުވުމަކީ އަވަހަށް ފަރުވާ ދެވިއްޖެނަމަ ހައްލުކުރެވޭނެ ކަމެއް ކަމަށެވެ.
ސްޓޭސީގެ ފިރިމީހާ ނޭތަން ބުނި ގޮތުގައި، އޭނާގެ އަންހެނުން ބޭނުންވީ ހޮސްޕިޓަލުގެ މާހައުލުގައި ކުރިމަތިވެދާނެ ސިއްހީ ތަދައްޚުލުތަކުން ދުރުވެ، އަމިއްލަ މިނިވަންކަމާއެކު ވިހެއުމަށެވެ. އެހެންކަމުން އޭނާ ވަނީ ވިހެއުމުގެ ކުރިން ހަދަންޖެހޭ ސްކޭންތަކާއި ޓެސްޓުތައް ހެދުމަށްވެސް އިންކާރުކޮށްފައެވެ.
މި މައްސަލައިގައި ހެކިބަސް ދެމުން ޑޫލާ އެމިލީ ލާލް ބުނީ، އޭނާ އެތަނަށް ދިޔައީ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ނޫން ކަމަށާއި، އޭނާގެ ދައުރަކީ ހަމައެކަނި އެކުވެރިއެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށެވެ. ލޭ ގިނައިން ބޭރުވާކަން ސްޓޭސީ ފާހަގަކުރުމުން، އެއީ އާދައިގެ މިންވަރަށްވުރެ ގިނަ އަދަދެއްކަމަށް ބުނި ނަމަވެސް، ސިއްހީ ލަފާދިނުމަކީ އޭނާގެ ޒިންމާއެއް ނޫންކަމަށް އޭނާ ބުންޏެވެ.
"ވިހެއުމުގެ ތެރޭގައި މީހުން މަރުވުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫން،"
ކޯޓުގައި މެޑިކަލް އެގްޒެމިނަރުން ފާހަގަކުރި ގޮތުގައި މި ހާދިސާއަކީ ގޭގައި އެހީތެރިކަމެއް ނެތި ވިހެއުމުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.


