މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމަށް ބާއްޖަވެރިކަން ގެނައުމަށް: ފަސްޓް ލޭޑީ
20 ޖޫން 2026 - 17:39

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމާއި، އަމިއްލަ ފަސްގަނޑާއި، އަމިއްލަ ނަފްސާއި އަދި އަމިއްލަ އާއިލާއަށް ބާއްޖަވެރިކަން ގެނައުމަށްޓަކައިކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިއާންޒް ކޮލެޖުން ފާއިތުވެދިޔަ 20 އަހަރު ތަޢުލީމު ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation
އެކަމަނާ ވިދާޅުވީ ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޙްލާޤުތަކެއް ހުންނާނެކަމަށެވެ.އެއީ ދީނީ ކަންކަމަށް ފަރުވާތެރިވުމާއި،ވާހަކަދެއްކުމުގައިވެސް އަދި ކުރާ މުއާމާލާތްތަކުގައިވެސް އަނެކުންނަށް އިޙްތިރާމްކުރުމާއި، ވަގުތައް ކަމޭހިތުމުގެ އިތުރުން، މަސައްކަތުގައި މުރާލިވުން ކަމަށާއި، އަދި އަބަދުވެސް އައު ކަންކަން ދަސްކޮށް އިލްމީގޮތުން ފުނަށް ނުވަތަ އުހަށް ވާސިލްވާން ހިންމަތްކުރުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ ވަސީލަތެއްގެ ގޮތުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެ ތަރައްޤީ ފެންނާނީ ދެވޭ ތަޢުލީމެއްގެ ބާވަތާއި އެ ތަޢުލީމެއް ދެވޭ ގޮތަކުންކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، ރަނގަޅު ތަޢުލީމެއް ލިބިފައިވާނަމަ ނުވަތަ ރަނގަޅަށް ތަޢުލީމު ދެވިފައިވާނަމަ އޭނާ ތަރައްޤީވެފައިވާތަން، އޭނާ ކަން ކުރާނެގޮތް ފެންނާނެކަމަށެވެ.


