ކަނޑުމަގުން އެތެރެކުރި 6000އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
21 ޖޫން 2026 - 13:35

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން، އިއްޔެ މާލެ ވިޔަފާރި ބަނދަރުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އަދި އެ ޝިޕްމަންޓުގެ ތެރެއިން 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.ކަސްޓަމްސްއިން އިތުރަށް ބުނީ، މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ 15،601 ވޭޕް ކާޓްރިޖް އަތުލައިގަނެފައެވެ. އެއީ، ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓު ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.

Ad by Hajj Corporation


