ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު: މިއަދާ ހަމަޔަށް މިފަދަ ގާނޫނެއް ހެދިފައި ނެތުމަކީ ލަދު ގަންނަންޖެހޭ ކަމެއް: މެމްބަރު ނިޒާރު
22 ޖޫން 2026 - 06:43

ރާއްޖޭގެ ކުރިމަގަށް މޯލްޑިވްސް 2.0، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ވަރަށް މުހިންމު ކަމަށާއި މިއަދާ ހަމަޔަށް މިފަދަ ގާނޫނެއް ހެދިފައި ނެތުމަކީ ލަދު ގަންނަންޖެހޭ ކަމެއް ކަމަށް މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ނިޒާރު ވިދާޅުވީ މި ބިލަކީ ހަމައެކަނި ޓެކްނޮލޮޖީއާއި ގުޅުން ހުރި ބިލެއް ނޫން ކަމަށެވެ. ވިދާޅުވީ މި ބިލުން ދިވެހި ރާއްޖެ ޑިޖިޓަލް ފަސްޓް ނޭޝަންއަކަށް ކުރާ ދަތުރަށް ބާރުވެރިކަން ލިބިގެންދާ ކަމަށެވެ. މެމްބަރު ވިދާޅުވީ އިދިކޮޅު މެމްބަރުން ބިލަށް ބަހުސް ކުރެއްވިއިރު ބިލުގައި އޮތް އެއްޗެއް ރަނގަޅަށް ވިދާޅުވެފައި ނުވާ ކަމަށާއި ބިލުގެ އެއްވެސް ހިސާބެއްގައި އެއްވެސް ވަރަކަށް އީވޯޓިނގެ ވާހަކަ ދައްކާފައި ނެތްކަމަށެވެ.

Ad by Hajj Corporation
މިބިލުގެ އެންމެ ބޮޑު އެއް މަގްސަދަކީ ޒަމާނުއްސުރެން ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނާ ފަސާދައަށް ހުޅުވިފައިވާ ދޮރުތައް ހަގީގީ މާނައިގައި ބަންދުކުރުން. މިއަދު އެކަން ކުރަންޖެހެނީ މިކަހަލަ ގާނޫނެއްގެ ތެރެއިން ޖުމްލަ ހައްލެއް ލިބޭނެ ގޮތަކަށް: މެމްބަރު ނިޒާރު
މެމްބަރު އިތުރަށް ވިދާޅުވީ މިއަދާ ހަމަޔަށް މިފަދަ ގާނޫނެއް ރާއްޖޭގައި ހެދިފައި ނެތުމަކީ ހަގީގަތުގައި ލަދު ގަންނަންޖެހޭނެ ކަމެއް ކަމަށެެވެ. ވިދާޅުވީ މިއަދާ ހަމަޔަށް ތަފާތު ވެރިންކަންތަކެއް ފެނިގެންގޮސްފި ކަމަށާއި ނަމަވެސް ނަޒާހަތްތެރި ވެރިކަމެއް ކުރައްވާ ހަމަ އެކަނި ވެރިއަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ކަމަށެވެ.
އެހެން ދަންނަވަން ޖެހެނީ މިކަހަލަ ގާނޫނުތަކުން ހަގީގީ މާނައިގައި ރާއްޖެއަށް ބަދަލު ގެންނަން މަސައްކަތްކުރައްވާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަން މިއޮތީ: މެމްބަރު ނިޒާރު
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ އިބްތިދާއި ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ގިނަ މެންބަރުން ވަނީ ބިލަށް ތާޢީދު ކުރައްވާފައެވެ.


