ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ
ބިލުގެ މައިގަނޑު މަގްސަދު
ސަރުކާރުން ހުށަހެޅި މި ބިލު ޤާނޫނަކަށް ވުމުން، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ޒާތީ މަޢުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި، މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް މި ބިލުގެ ދަށުން ބަޔާންކުރާނެއެވެ.
ބައިނަލްއަގުވާމީ މުޢާމަލާތްތަކާއި ޑޭޓާ ބްރީޗް
މި ބިލާއެކު ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފަރ ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ޙައްގުތަކާއި، ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވާ ހާލަތްތަކުގައި މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ ތަފްސީލީ އުސޫލުތައްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު
ޤާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި، އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލުގައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރަކަށް ހުންނަވާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ
އިންފޮމޭޝަން ކޮމިޝަނަރެވެ.ޒިންމާތަކާއި ރެކޯޑު ބެލެހެއްޓުން
ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކުގެ އިތުރުން، ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ބިލުގައި ތަފްސީލުކޮށްފައިވެއެވެ. އަދި ވަކި ހާލަތްތަކެއްގައި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށް ފޮނުވާފައެވެ.