ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީ
23 ޖޫން 2026 - 09:18

އާޖެންޓީނާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗަށްފަހު، އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ވަނީ އެ ކްލަބް ދޫކޮށްލަން ބޭނުންވާކަން ފުރަތަމަ ފަހަރަށް އާންމުކޮށް ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެންމެ ރަނގަޅު ވަގުތެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި އަލްވަރޭޒް ބުނީ، "މިއީ މި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން ނަމަވެސް، އަހަންނަށް މިކަން ސިއްރެއް ނުކުރެވޭނެ. އަހަރެން އެތުލެޓިކޯގެ އިސްވެރިންނާ ވާހަކަދައްކައިފިން، އަދި އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެންނަށްވެސް އެންމެ ރަނގަޅު ގޮތަކީ އަހަރެން ޓްރާންސްފާވުން،" ކަމަށެވެ.

Ad by Hajj Corporation
އަލްވަރޭޒްގެ މި ނިންމުމާއެކު އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ބާސެލޯނާއަށް ވަނީ ބޮޑު އުންމީދެއް ލިބިފައެވެ. މީގެ ކުރިން ބާސެލޯނާއިން ހުށަހެޅި 100 މިލިއަން ޔޫރޯގެ ބިޑާއި، ރެއާލް މެޑްރިޑުން ހުށަހެޅި ކަމަށް ބުނާ 150 މިލިއަން ޔޫރޯގެ ބިޑްވެސް އެތުލެޓިކޯއިން ވަނީ ބޭރުކޮށްލާފައެވެ. އެ ކްލަބުން ބުނަމުންދަނީ އަލްވަރޭޒް ގެންދަން ބޭނުންވާ ކްލަބަކުން އޭނާގެ ރިލީޒް ކްލޯޒް ކަމަށްވާ 500 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށެވެ.
އަލްވަރޭޒް ކްލަބް ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ނަމަވެސް، އެތުލެޓިކޯއިން ވަނީ އެއްވެސް ހާލެއްގައި އޭނާ ބާސެލޯނާއަށް ނުވިއްކާނެ ކަމަށް ބުނެފައެވެ. އަދި ބާސެލޯނާއިން ގަވާއިދާ ހިލާފަށް ކުޅުންތެރިޔާއާ ވާހަކަދައްކާފައިވާ ކަމަށް ބުނެ ފީފާއަށް މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރުވެސް އެ ކްލަބުން ވަނީ ދީފައެވެ.
މާލީ ގޮތުން ވަރުގަދަ ފަންޑެއްގެ އެހީތެރިކަން ލިބިފައިވާ އެތުލެޓިކޯއިން ބުނާ ގޮތުގައި، އެކަށީގެންވާ އަގެއް ނުލިބޭ ނަމަ އަލްވަރޭޒް ބެންޗުގައި ބައިންދަން ޖެހުނަސް އެ ކްލަބުން ފަސްނުޖެހޭނެއެވެ. އަލްވަރޭޒް އެތުލެޓިކޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2030 ވަނަ އަހަރުއެވެ.


