އެމްޓީސީސީގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް، ސަޢާދާ އިބްރާހިމް އައްޔަންކޮށްފި
25 ޖޫން 2026 - 06:52

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޗެއަރޕާރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ސަޢާދާ އިބްރާހިމް އައްޔަންކޮށްފިއެވެ.
އެމް.ޓީ.ސީ.ސީ ގެ ޗެއަރޕާރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ދަޕްތަރު ނަންބަރ ރސ 14819، އަލްފާޞިލާ ސަޢާދާ އިބްރާހިމް އިއްޔެ އައްޔަން ކުރައްވާފައިވާކަން ޕީ.ސީ.ބީ އިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation
ސަޢަދާ އިބްރާހީމަކީ ދައުލަތުގެ މާލީ ނިޒާމު ބެލެހެއްޓުމާއި، ކޯޕަރޭޓް ފައިނޭންސް، ބަޖެޓް ތައްޔާރުކުރުން، މާލީ ދިރާސާކުރުން އަދި ރެގިއުލޭޓަރީ ކޮމްޕްލަޔަންސްގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ސެކްޓަރުގައި ވެސް މަސައްކަތް ކުރައްވައި، މާލީ ގަވަރނަންސް އަދި އިސްތިރާތީޖީ ނިންމުންތައް ނިންމުމުގައި މުހިންމު ތަޖުރިބާތަކެއްވެސް ވަނީ ހޯއްދަވާފައެވެ.
މިހާރު ސަޢާދާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފައިނޭންޝަލް ސްޕެޝަލިސްޓްގެ މަގާމެވެ. މީގެ ކުރިން ސަޢާދާ ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ވެސް ހަމަ މި މަގާމު އަދާކުރައްވާފައެވެ. އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ ސީނިއަރ ކްރެޑިޓް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ މާލީ ދިރާސާ ހަދައި، އެކަމާ ގުޅޭ ރިޕޯޓުތައް ބޯޑު އޮފް ޑިރެކްޓަރުންނަށް ހުށަހެޅުމުގެ ޒިންމާ ވެސް އުފުއްލަވާފައެވެ.
ސާޢަދާ ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ސީނިއަރ އެކައުންޓްސް އޮފިސަރުގެ މަގާމުގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.
މީގެ އިތުރަށް ވިލާ ކޮލެޖް މެދުވެރިކޮށް ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ބެޗްލަރސް ޑިގްރީ (އޮނާސް) ސަޢާދާ ވަނީ ހާސިލުކުރައްވާފައެވެ. ސަޢާދާ މިހާރު ގެންދަވަނީ އޭ.ސީ.ސީ.އޭ ޕްރޮފެޝަނަލް ކޮލިފިކޭޝަން ފުރިހަމަކުރައްވަމުންނެވެ.


