އެމްއެސްއެސް އުފުދުމަކީ އިންޑަސްޓްރީ ދިވެހިކުރުމަށް ލިބުނު ފުރުސަތެއް
27 ޖޫން 2026 - 04:33

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އުފުދުމަކީ ކަނޑުދަތުރުފަތުރުކުރުމުގެ ދާއިރާ ދިވެހިކުރުމަށް ލިބުނު ފުރުސަތެއް ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ކުރީގައި އޮތް ގައުމީ ޝިޕިންގ ކުންފުނި އުވުނު ހިސާބުން މި ދާއިރާ ގައި ބޭރުމީހުން މަސައްކަތްކުރަމުން އައި ކަމަށެވެ. އެހެންނަމަވެސް އެމްއެސްއެސް އުފެދުމާއެކު އެ ފުރުސަތު ދިވެހިންނަށް ހުޅުވިގެން ދިޔަ ކަމަށާއި މިއީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏަކަށްވާތީ، މިހާރުވެސް ކުރަމުން ދަނީ މި އިންޑަސްޓްރީ ދިވެހީންގެ އަތްމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ.

Ad by Hajj Corporation
މީގެއިތުރުން ރާއްޖެއަށް ގެންނަ ގިނަ މުދާ މިހާރުވެސް ގެންނަނީ ލަންކާ މަގުން ކަމަށާއި އެގޮތުން ގާތްގަޑަކަށް 80 އިންސައްތަ އަންނަނީ އެމަގުން ކަމަށް ވެސް ވިދާޅުވިއެވެ. އެމަގުން އަންނަ 55 އިންސައްތަ މިހާރު ވެސް ގެންނަނީ އެމްއެސްއެސް އިން ކަން ފާހަގަކުރެއްވިއެވެ. އަދި މި އިންޑަސްޓްރީ މަޑުމަޑުން ދިވެހީންގެ އަތްމައްޗަށް އަންނަކަން އެމްޑީ ފާހަގަކުރެއްވިއެވެ.
އެމްޑީ އިތުރަށް ވިދާޅުވީ އެ ކުންފުނީގެ އޮފީހުގައި މުޅިން ވެސް ވަޒީފާ އަދާކުރަމުން އަންނަނީ ދިވެހީން ކަމަށެވެ.
އެމްއެސްއެސް މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މިދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ކިޔެވުމުގެ ފުރުސަތު ވެސް ދެމުން އަންނަކަމަށާއި ފުލީ ފަންޑެޑް ސްކޮލަރޝިޕް ވެސް ދެމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް 4 ކުއްޖަކު އެކި ގައުމުތަކުގައި ކިޔަވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
އެމްޑީ ވިދާޅުވީ ކުންފުނީގެ ހުރިހާ ޕޮލިސީއެއްވެސް ހުރީ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިދާއިރާއިން ކުރިއަށް ދިއުމަށް ޒުވާނުންނަށް ފުރުސަތުތައް ދޭގޮތަށް ކަމަށެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެ ކުންފުނީގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަހްމަދު ޒުބައިރު ވިދާޅުވީ މި ދާއިރާ އަށް ޅަ، ޒުވާން ކުދިން ނުކުންނަ ކަމަށާއި މިއީ ކުރިމަގު އޮތްކަން ފެންނަކަމެއް ކަމަށެވެ. އަދި މިއީ ކެރިއަރއެއް ހޯދުމަށް ވެސް ވަރަށް ރަނގަޅު ދާއިރާއެއްކަން ޒުވާނުންނަށް ވެސް މިހާރު އެނގޭ ކަމުގައި ވިދާޅުވިއެވެ. ޒުބައިރު ވިދާޅުވީ މީގެކުރިން ބޯޓު ދަތުރުކުރާ މީހުން ނުވަތަ ކަލާސީންގެ ގޮތުގައި މުހާތަބުކުރިނަމަވެސް މިދާއިރާގައި ކިޔަވައިގެން ތިބި ޒުވާނުން އެމީހުންގެ ތަޖުރިބާގެ އަލީގައި މިދާއިރާ އިން ކުރިއަށް ދިއުމުގެ އެތައް ފުރުސަތުތަކެއް ހުރިކަމަށް ވިދާޅުވިއެވެ.


