ވެލާނާ ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރީ އައްޑޫ އަތޮޅު ގަމު އެއާޕޯޓަށް ކަމަށް ދައްކައިފި
27 ޖޫން 2026 - 09:48

ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް ފިޔަވާ އެންމެ ގިނަ މީހުން މިއަހަރު ދަތުރުކުރީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް، ޖުމްލަ 4،078 މީހުން ދަތުރު ކޮށްފައިވެ އެވެ. ގަން ފިޔަވާ ދެން އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ މާފަރު އިންޓަނޭޝަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް 3،537 ފަރާތަކުން ދަތުރުކޮށްފައިވެ އެވެ. މާފަރާ ޖެހިގެން ދެން އެންމެ ކުރީގައި އުޅެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ހަނިމާދޫ އެއާޕޯޓަށް 2،317 ފަރާތެއް މިއަހަރު ޒިޔާރަތް ކޮށްފައިވެ އެވެ. މި އަހަރު ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފައި ވަނީ 1،877 ފަރާތެކެވެ. ރާއްޖޭގައި އެންމެ މަދުން މީހުން ދަތުރުކޮށްފައި ވަނީ ދާލު އެއާ ޕޯޓަށެވެ. ދާލަށް ދަތުރުކޮށްފައި ވަނީ 829 ފަރާތެކެވެ.

Ad by Hajj Corporation
މި އަހަރު އެންމެ ގިނަ ފަރާތްތަކެއް ދަތުރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް ޖުމްލަ 1،009،074 ފަރާތެއް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ރާއްޖޭގެ އެއާޕޯޓްތަކަށް އެކު ޖުމްލަ ދަތުރުކޮށްފައި ވަނީ 1،021،711 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެ އަށް ކަނޑުމަގުން ދަތުރުކޮށްފައި ވަނީ 14،847 ފަތުރުވެރިންނެވެ. މިއާއެކު ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 1،036،558 ފަރާތެކެވެ. އަދި ރާއްޖެ އަށް އައި އެއްމިޔަން ވަނަ ފަތުރުވެރިޔާ ދަތުރުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.


