ފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެ: ވަޒީރު އިހްސާން
28 ޖޫން 2026 - 19:50

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުންގެ މަސައްކަތްތައް އިތުރު ގިޔަރަކަށް ބަދަލުކޮށް، ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކުރިއަށް އޮތް އަހަރު ވެގެންދާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ވަޒީރުގެ ވާހަކަފުޅުގައި، ގޭންގުތަކާ ގުޅިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތްކުރާ ކުދިން އެ މާހައުލުން ދުރުކޮށް، އެ ކުދިންނަކީ މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ ބަޔަކަށް ހެދުމަށް ކުރިއަށް އޮތް އަހަރު ހާއްސަ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހައި ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، 911 އިމަޖެންސީ ރެސްޕޯންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް ހޯދުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން އެހީއަށް އެދި ގުޅާ ފަރާތްތަކުގެ ލޮކޭޝަން ވަގުތުން ދެނެގަނެވި، އެ ސަރަހައްދެއްގެ ކެމެރާ ފީޑްތައް ވަގުތުން ފެންނާނެ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރެވޭނެއެވެ. އަދި "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ" ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތައާރަފްކުރެވޭނެ ކަމަށް ވަޒީރު އިއުލާން ކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "މި އިތުބާރު ދެމިއޮންނާނީ ފުލުހުންގެ އިންޓެގްރިޓީއާއި ހަމަހަމަކަމާއި ޒިންމާދާރުކަމާއި ޕްރޮފެޝަނަލްކަމުން" ކަމަށެވެ. ރައްޔިތުންނާ ކުރެވޭ ކޮންމެ ޕޮޒިޓިވް މުއާމަލާތަކުންނާއި އިންސާފުވެރި ނިންމުންތަކުން އެ އިތުބާރު ވަރުގަދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރިހާ ފުލުހުން ވެސް މި ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތްތައް ބައްޓަންކުރުމަށް ގޮވާލައްވަމުންނެވެ. ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ހިދުމަތުގައި ޓެކްނޮލޮޖީއާއެކު އޮފިސަރުން މަގުމަތިން ގިނައިން ފެންނާނެ، އަމާންކަން ކަށަވަރުކުރެވޭނެ ރަން އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.


