ކޮންމެ ދުވަހަކު ފުލުހުން ކުރަށްވަނީ ގައުމީ ވަރުގަދަ ހިދުމަތެއް: ރައީސް
28 ޖޫން 2026 - 19:58

ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާންކަން ރައްކާތެރިކުރުމަށް މުޖުތަމައުގައި ތަންފީޒީ އިދާރާއެއްގެ ގޮތުން ފުލުހުންގެ ފަރާތުން ދެއްވާ ހިދުމަތަކީ ގައުމީ ވަރުގަދަ ހިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހަރުދަނާ މުއައްސަސާއަކަށް ވެގެންދަނީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެން ކަމަށެވެ. "ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާންކަން ރައްކާތެރިކުރުމަށް މުޖުތަމައުގައި ތަންފީޒީ އިދާރާއެއްގެ ގޮތުން ފުލުހުންގެ ފަރާތުން ދެއްވާ ހިދުމަތަކީ ވަރުގަދަ ގައުމީ ހިދުމަތެއް. ވެވަޑައިގަންނަވާ ވަރަށް ބޮޑު ގުރުބާނީއެއް. އަދި ފުލުހުންގެ އާއިލާތަކުން ވެސް އެ ދެއްވަނީ ވަރުގަދަ ގައުމީ ހިދުމަތެއް، ޖިހާދެއް،" ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާ ވަރުގަދަކުރުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ސިޔާސަތުކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގައުމުގައި ހުރި ދަތި އުނދަގޫ ކަންތައްތައް ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ޑްރަގުގެ ވަބާއިން ސަލާމަތްވުމާއި، ގޭންގު ކުށްތަކާއި، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން ދޭ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގައުމީ ލޯތްބާއެކު ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އޮތް ގާނޫނުގެ ސަބަބުން ހިދުމަތް ދިނުމުގައި ހުރަސްތަކެއް ހުރިކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެންކަމުން، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދިރާސާކޮށް ސަރުކާރަށް ހުށަހެޅުމުން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އުމްރާނީ ތަރައްގީގެ ގޮތުން ކުރަން ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދ. ވާނީގައި ސްޓޭޓް އޮފް ދަ އާޓް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމާއި، އިސްކަންދަރުކޮށި 2 ގައި އައު އިމާރާތެއް ބިނާކުރުމާއި، ހުޅުމާލެ ފޭސް 2 ގައި ޖާގަ ބޮޑު މަރުކަޒެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރުން ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


