އިޤްތިޞާދު ހަރުދަނާ ކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމު: ރައީސް
29 ޖޫން 2026 - 14:19
.jpg&w=3840&q=75)
އިޤްތިޞާދު ހަރުދަނާކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތައް އެންމެ އެކަށީގެންވާ މިންގަނޑަކަށް ބަދަލުކުރުމާއި (ރައިޓް-ސައިޒް ކުރުން) މުސާރަތައް އެއްހަމަކުރުން ނުވަތަ ޕޭ ހާމަނައިޒްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
ޕޭ ހާމަނައިޒްކުރުމުގެ އެންމެ މުހިންމު މަޤްޞަދުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޭގެ ތެރޭގައި މުވައްޒަފުން ގެއަށް ގެންދަން ލިބޭ އާމްދަނީ ބޮޑުކުރުމާއި، މަސައްކަތުގެ އަޚްލާގު ހަރުދަނާކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މުޅި އިޤްތިޞާދު ހަރުދަނާކުރުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ތަންފީޒުކުރާއިރު ވަކިވަކީން ރިޢާޔަތްކުރަންޖެހޭ ޚާއްޞަ ހާލަތްތައް ބަލައިގެން ކުރިއަށްގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުންފުނިތައް ރައިޓް-ސައިޒް ކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ ކުންފުންޏަކަށް އެންމެ އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، މީގެ ސަބަބުން ކުންފުނިތަކުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.
"މިކަންކަން މިފަދައިން ކުރެއްވުމަކީ، ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެ،"ރައީސް ވިދާޅުވެފަވެއެވެ.
ދައުލަތުގެ ދަރަނިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ބޭރުގެ ޤައުމުތަކަށް ދައްކަންޖެހޭ ދަރަނިތައް ދައްކާ ޚަލާސްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، އެއީ ފަރުދީ ފެންވަރުގައިވެސް ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ނެގެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.


