ޙަޤީޤީ ޑިޖިޓަލް ބަދަލަކީ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން: ޟަމީރު
30 ޖޫން 2026 - 16:34

ޙަޤީޤީ ޑިޖިޓަލް ބަދަލަކީ ދައުލަތުގެ މުއައްސަސާތައް ގާނޫނީ އިމުގެ ތެރެއިން ރައްކާތެރިކަމާއެކު އެއް މުއައްސަސާއަކުން އަނެއް މުއައްސަސާއަކާ ގުޅިގެން މަސައްކަތްކުރުން ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޟަމީރު ވިދާޅުވީ، މިއީ ދިވެހި ދައުލަތް ޒަމާނީ ބައްޓަމަކަށް ބަދަލުކުރުމަށް ނިންމާ މުހިންމު ނިންމުމެއް ކަމަށެވެ.
ޟަމީރު ފާހަގަކުރެއްވި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންނަށް ހީވެފައި އޮތީ ލިޔުމެއް އަޕްލޯޑް ކޮށްލުމުން ނުވަތަ ފޯމެއް އޮންލައިންކޮށް ފުރައިލުމަކީ ޑިޖިޓަލް ޚިދުމަތެއް ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ލިޔެކިއުންތައް ކޮމްޕިއުޓަރަށް ބަދަލުކުރުން ކަމަށާއި، ޙަޤީޤީ ބަދަލަކީ ރައްޔިތުން އެއްފަހަރު ދޭ މަޢުލޫމާތެއް ދެވަނަ ފަހަރަށް ދައުލަތަށް ދޭން ނުޖެހި، މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
މި ބިލުގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅައިލެވި، ރައްޔިތުން އެކި ކައުންޓަރުތަކަށާއި ޕޯޓަލްތަކަށް ދިއުމުގެ ބަދަލުގައި އެއް ޤައުމީ ޕްލެޓްފޯމެއްގެ ދަށުން ޚިދުމަތް ލިބިގެންދާނެ ކަމަށް ޟަމީރު ވިދާޅުވިއެވެ. މީގެ ސަބަބުން ޚިދުމަތް ލަސްވުން ކުޑަވެ، އިސްރާފު މަދުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް އައިޓެންޓިޓީ ބިލުގެ ސަބަބުން އޮންލައިންކޮށް އަމިއްލަ ވަކި ފަރާތެއްކަން ސާބިތުކޮށްދިނުމުގެ ގާނޫނީ ބާރު ލިބި، ފޮޓޯކޮޕީ ހިފައިގެން އިދާރާތަކަށް ހާޒިރުވާން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަޚްސީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޟަމީރު ވިދާޅުވީ، މީހެއްގެ އައިޑީ ކާޑު ނަންބަރާއި، ޞިއްޙީ ރިކޯޑާއި، މާލީ މަޢުލޫމާތަކީ ފަރުވާކުޑަކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫން ކަމަށެވެ. މި ބިލުގެ ސަބަބުން އަމިއްލަ މަޢުލޫމާތުގެ މިލްކުވެރިއަކީ އެ މީހަކު އަމިއްލައަށްކަން ކަށަވަރުވެގެންދާނެއެވެ. މީގެ އިތުރުން، ސައިބަރ ސެކިއުރިޓީ ބިލަކީ ޤައުމީ ސަލާމަތަށް މުހިންމު ބިލެއްކަން ފާހަގަކުރައްވައި، އަވަށްޓެރި ކޮލަމްބޯގެ ބޭންކަކަށް ދިން ސައިބަރ ހަމަލާއެއްގައި 2.5 މިލިއަން ޑޮލަރުގެ ގެއްލުންވި މިސާލު އޭނާ ދެއްކެވިއެވެ.
ބައެއް ފަރާތްތަކުން މި ގާނޫނުތަކުގެ ސަބަބުން ދައުލަތަށް ބޮޑު ބާރެއް ލިބިދާނެ ކަމަށް ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޟަމީރު ވިދާޅުވީ، "ގާނޫނެއް ނެތި ބާރު ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއް" ކަމަށެވެ. ގާނޫނުގެ ސަބަބުން ބާރުތައް ހިފެހެއްޓި ޒިންމާދާރު ކުރެވޭނެ ކަމަށާއި، މި ބިލުތަކުން ބާރުތަކުގެ އިމާއި އުސޫލުތައް ކަނޑައަޅައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.


